ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލުގައި ހުއްޓައި، ގދ. ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި އެ ރަށު، ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) ބަންދުން ދޫކޮށްލި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެމްޑީގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މި މަހުގެ ތިން ވަނަ ދުވަހު ގައްދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އޭނާ ދޫކޮށްލަން ނިންމާފަ އެވެ.
އެކަމާ ގުޅިގެން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، ކައުންސިލްގެ ރައީސްކަމަށް އެމްޑީ އިންތިހާބުވުމަކީ އޭނާގެ ފަރާތުން ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިގެންދާނެ ކަމެއް ނޫން ކަމަށެވެ.
"މިބާވަތުގެ މައްސަލަތަކުގައި ދައުވާލިބޭ މީހަކު އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއް ކަމަށް ދައުލަތުން ނުދެކެން. އެ ނިންމުމާއި، އެ ނިންމުން ބިނާކުރިކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ،" ޕީޖީ އޮފީހުން ބުންޏެވެ.
ދެހާސް ފަނަރަ އަހަރު ވެސް ކައުންސިލްގެ ރައީސްކަމުގައި ހުރިއިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި އެމްޑީ ބަންދުކުރެވުނެވެ. އޭގެ ފަހުން މިދިޔަ އަހަރު ތެރޭ އެމްޑީގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ.
ގައްދޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީ ކާމިޔާބުކުރީ ވާދަވެރި ކެންޑިޑޭޓާ ވާދަކޮށް 21 ވޯޓުގެ ތަފާތަކުންނެވެ.
އޭނާއަށް އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ލިބުނީ އޭނާގެ މައްސަލަތައް ނިންމައި ހުކުމެއް ކޮށްފައި ނެތުމުންނެވެ