އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި، މިހާރު މަގާމުތައް ފުރުއްވަމުންދާ މީހުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މާޗު މަހު 21 ގައި ރިޔާސަތަށް ފޮނުވި ސިޓީގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެދިވައިޑައިގެންފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެކި އެކި މުއައްސަސާތަކުގައި ކުރީގައި އަދި މިހާރުގައި ވެސް ހިމެނޭ ބައެއް ފަރާތްތަކަށް ތުހުމަތުވާ ކަމަށް ދައުލަތުން ބުނެފައިފައި ވާތީ، އެ ތަހުގީގު ގޮސްފައިވާ ހިސާބާއި، އެކަމުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތް، ކަމާ ގުޅުންހުރި މުއައްސަސާތަކުން ސާފުކުރުމަށެވެ.

ހަސަން ލަތީފު އެދިވަޑައިގެންނެވި ގޮތަށް އެކަން މަޖިލީހުގެ ކޮމިޓީން ކޮށްނުދިމުން ސީދާ ރިޔާސަތުން ވަނީ އެ މައުލޫމާތު ހޯދަން އިދާރާތަކުގައި އެދިފަ އެވެ.

އެކަމާ ގުޅިގެން މިއަދު މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ގޮސްފައިވާ ހިސާބު ބެލުމަށާއި، އެ ތަހުގީގު ކުރިއަށް ނުދާ ސަބަބު ބެލުމަށް މަޖިލީހަހުގެ މެމްބަރަކު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އެސެޓް ރިކަވަރީ ކޮމިޝަނަށާއި، އޭސީސީއަށާއި، ފުލުހުންނަށާއި، ޕީޖީ އޮފީހަށް އެދުމުން އެ ހުރިހާ އިދާރާތަކުން ވެސް ސުންގަޑި ތެރޭގައި މައުލޫމާތު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގަ އާއި، ޝަރުއީ ދާއިރާގަ އާއި، މިނިވަން މުއައްސަސާތަކުގައި ކުރިން މަސައްކަތްކޮށްފައިވާ އަދި މިހާރު މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ކުރި އާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި، ސްޓޭޓް މިނިސްޓަރު ކަމާއި މިނިސްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި މިހާރު ވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވާފައިވާ ކަމަށެވެ.

ބޮޑު ހިޔާނާތުން މަންފާ ލިބުނުކަމުގެ ތުހުމަތު ކުރީ ސަރުކާރާއި މިއަދުގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާ މިނިވަން މުއައްސަސާތަކުގައި ތިބި ފަރާތްތަކުގެ އިތުރުން އާންމު ފަރާތްތަކަށް ވެސް ކުރެވެ އެވެ. ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ގޮތުގައި 300 އެއްހާ މީހުން ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ. ނަމަވެސް އެ އެންމެންނަކީ ކުށްވެރިން ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މީގެކުރިން ވަނީ ބުނެފަ އެވެ.