ވ. އަތޮޅު އަލިމަތާ ކައިރިއަށް މިއަދު މެންދުރު ޑައިވިންއަށް ފޭބި މީހުން ގެއްލުނީ 60 މީޓަރު އަޑީގައި ހުރި ނުރައްކާތެރި ހޮހޮޅައެއްގެ ތެރެއަށް ކަމަށް އެމްއެންޑީއެފް އިން މިރޭ ބުނެފި އެވެ.

"ޑިއުކް އޮފް ޔޯކް" ކިޔާ ސަފާރީއަކުން ޑައިވިނަށް ދިޔަ މި ފަސް މީހުން ގެއްލުނީ އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އޭގެ ތެރެއިން މިހާތަނަށް ފެނުނީ އެންމެ މީހެކެވެ. އެއީ ޓޫރިސްޓުން ގޮވައިގެން ޑައިވިންއަށް ދިޔަ އިޓަލީގެ އިންސްޓްރަކްޓަރެކެވެ.

ރާއްޖޭގައި މިހާތަނަށް ޑައިވަރުންނަށް ފާހަގަކުރެވިފައިވާ ކަނޑުއަޑީގެ އެންމެ ބޮޑު ހޮހޮޅަ އިންނަނީ އަލިމާތާގެ ދެވަނަ ކަނޑުއޮޅީގަ އެވެ. މި ހޮހޮޅަށް ޑައިވްއަށް ދިޔަ ޓޫރިސްޓަކު މީގެ ކުރިން ވެސް ވަނީ މަރުވެފަ އެވެ.

ރާއްޖޭގެ މަޝްހޫރު ޑައިވަރަކު ބުނީ އެ ހޮހޮޅައަށް ޑައިވްކުރުމަކީ ވަރަށް ގިނަ ޑައިވަރުންގެ "ވިޝް ލިސްޓް"ގައި ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް ގިނަ މީހުންނަށް އެތަނަށް ޑައިވް ނުކުރެވެނީ ތަޖުރިބާ ނެތުމުންނާއި ރިސްކް ބޮޑުކަމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ދެ ފަހަރު އެތަނަށް ޑައިވްކުރިން. އެ ކޭވްއަށް ވަނުމުން ނުކުންނަ ހިތްނުވާ ކަހަލަ ތަނެއް އެއީ. އެހާ ވެސް ރީތި ތަނެއް. ތަޖުރިބާ ނެތް ބަޔަކު ފީނައިނަމަ ޕެނިކްވެދާނެ ފުންކަމުން،" އެ ޑައިވަރު ބުންޏެވެ.

އޭނާ ބުނީ ގިނަ ފަހަރަށް އެ ހޮހޮޅައަށް ދެވޭއިރު ފުޅީގެ ގޭސް ހުންނާނީ ހުސްވާން ވަރަށް ކައިރިވެފައި ކަމަށެވެ.

ވ. އަލިމަތާ ރިސޯޓު ކައިރިން ދޯންޏެއް ދުއްވާފައި ދަނީ. ފޮޓޯ: އަލިމަތާ

އެމްއެންޑީއެފް އިން ބުނީ ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަ (އެމްއާރުސީސީ)އަށް މިއަދު 1:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުން ކަމަށެވެ. އަދި މި މަސައްކަތުގައި ސަފާރީ އާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

"އެކެއްގެ ހަށިގަނޑު ފެނިފައި ވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިން. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި،" އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މި ހަށިގަނޑު ފެނިފައި ވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހޮޅައެއްގެ ތެރެއިން ކަމަށެވެ.

"ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި،" އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ އެވެ.