އިންޑިއާގެ ނިއުދިއްލީގައި ބުރާސްފަތި ދުވަހު ބޭއްވި ބްރިކްސްގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކުގައި ސީދާގޮތުން ބައިވެރިވާކަމަށް އީރާނުގެ ހާރިޖީ ވަޒީރު ތުހުމަތު ކުރައްވައިފި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މި މައްސަލަ ހޫނުވެފައި މިވަނީ، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ދުވަސްވަރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޔޫއޭއީއަށް ޒިޔާރަތްކުރެއްވި ކަމަށް ވިދާޅުވި ވިދާޅުވުން އެ ގައުމުން ދޮގުކުރިތާ އެއްދުވަސް ފަހުންނެވެ. މިކަމާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ މީގެ ކުރިން ވިދާޅުވެފައިވަނީ "ބައިބައިވުން އުފެއްދުމަށް އިޒްރޭލާއެކު ބައިވެރިވާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ" ކަމަށެވެ.
"އެއްބައިވަންތަކަމަށްޓަކައި ބްރިކްސް ބައްދަލުވުމުގައި އަޅުގަނޑު ދެއްކި ވާހަކައިގައި ޔޫއޭއީގެ ނަމެއް ބޭނުން ނުކުރަން. އެކަމަކު ހަގީގަތަކީ އަޅުގަނޑުމެންގެ ގައުމަށް ދިން ހަމަލާތަކުގައި ޔޫއޭއީގެ ސީދާ ބައިވެރިވުން އޮތްކަން. ހަމަލާތައް ފެށުނުއިރު އެކަން ކުށްވެރިކޮށް ބަޔާނެއްވެސް އެގައުމުން ނެރެފައެއް ނުވޭ،" ބައްދަލުވުމުގައި ޔޫއޭއީގެ މަންދޫބު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަރަގްޗީ ވިދާޅުވި އެވެ.
ޔޫއޭއީގެ މަންދޫބު ދެއްކެވި ވާހަކަތަކުގެ ތަފްސީލެއް އީރާނުގެ މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އަރަގްޗީ ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން ނުވަތަ އިޒްރޭލާއެކު އޮންނަ ގުޅުމަކުން ޔޫއޭއީއަށް ސަލާމަތްތެރިކަމެއް ނުލިބޭނެ ކަމަށް ވިދާޅުވެ، އީރާނާ މެދު ގެންގުޅޭ ސިޔާސަތު މުރާޖައާ ކުރުމަށް ގޮވާލައްވާފަ އެވެ. އަދި ދެ ގައުމަކީ އަވަށްޓެރި ދެ ގައުމަށް ވުމާއެކު، ސުލްހަވެރިކަމާއި ވިސްނުންތެރިކަން އޮންނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ހަމަނުޖެހުންތައް ފެށިފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އީރާނުން ވަނީ މީގެ ރައްދުގައި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށާއި އެހެނިހެން އަމާޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން މިދިޔަ ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭޕްރީލް މަހުގެ ކުރީކޮޅު ޔޫއޭއީއިން ވަނީ އީރާނާ ދެކޮޅަށް އަސްކަރީ ހަރަކާތްތަކެއް ހިންގާފަ އެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއިންވެސް އީރާނަށް އަމާޒުކޮށް ސިއްރު ހަމަލާތަކެއް ދީފައިވާ ކަމަށް ހުޅަނގުގެ އަދި އީރާނުގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.
އީރާނާއި ޔޫއޭއީއާ ދެމެދު އުފެދިފައިވާ މި ހިޔާލުތަފާތުވުންތަކުގެ ސަބަބުން، އިންޑިއާގައި ބޭއްވުނު ބްރިކްސްގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ނިމުމުގައި ގުޅިފައިވާ ބަޔާނެއް ނެރެވިދާނެތޯ އީރާނުގެ މީޑިއާތަކުން ވަނީ ސުވާލު އުފައްދާފަ އެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވި ގޮތުގައި ޔޫއޭއީގެ ބައިވެރިވުމުގެ ސަބަބުން މަޝްވަރާތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
މެކްރޮންއާއި ފްރާންސްގެ އެކްޓްރެސްއަކާ ގުޅުމެއްގެ ބޭއްވި ތުހުމަތު
މުޒާހަރާ އިން ބައެއް މީހުން ހައްޔަރުކޮށްފި
އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް، ޔޫއޭއީއަށް ތޯރިގު