ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ދަށުން އިދާރީ ދާއިރާތައް ހިންގާ ގޮތަށް، ކޮންމެ އަތޮޅެއްގައި އަތޮޅު އޮފީހެއް ގާއިމްކުރަން މި ސަރުކާރުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލްތަކުގެ އައު ދައުރު ފެށި، ކުރިން އޮތް އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި އަތޮޅުތަކުގެ އިދާރީ ހިންގުން އެލްޖީއޭގެ ދަށަށް ބަދަލުވުމާ ގުޅިގެންނެވެ. މި ބަދަލާއެކު، ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އަތޮޅު އޮފީހެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރު އަންގަވާފަ އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުއޫދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބަޔާންކުރެއްވި ގޮތުގައި، މި ނިންމުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 8 ވަނަ ބާބުގައިވާ ގޮތުން، އިދާރީ ދާއިރާތައް ހިންގަންޖެހޭނީ ސީދާ އެ އަތޮޅެއްގެ ރައްޔިތުން އިންތިހާބުކުރާ މެންބަރުންނެވެ.

ސުއޫދު ވަނީ މި ބަދަލު ގެނައުމުގައި ގާނޫނުއަސާސީއާ ހިލާފުވި ފަރާތްތަކުގެ މައްޗަށް ދައުވާކުރަންޖެހޭނެ ކަމަށް ވެސް ގޮވާލައްވާފަ އެވެ.

ރައީސް އޮފީހުގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އައިޝަތު އިކުރާމް، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ކުރީގެ އަތޮޅު އޮފީސްތަކުގެ ހުރިހާ މުވައްޒަފުން ދެން ރަސްމީކޮށް ބަދަލުވާނީ އެލްޖީއޭގެ މުވައްޒަފުންނަށެވެ.

ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ކައުންސިލްތަކުން މި ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ކުރިން އޮތް އަތޮޅު ކައުންސިލްތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާއި ހިންގުމަށް ބައެއް ދަތިތައް ކުރިމަތިވަމުންދިޔަ ކަމަށެވެ. އެހެންކަމުން، މިއީ ހިންގުން ހަރުދަނާކޮށް، ސަރުކާރުގެ ސިޔާސަތުތައް އަވަހަށް ތަންފީޒުކުރުމަށް ގެނައި އިދާރީ ބަދަލެއް ކަމަށް ސަރުކާރުން ދެކެ އެވެ.

މި ބަދަލާއެކު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ކުރިމަގާއި، ބާރުތައް ބެހިގެންދާނެ ގޮތްތަކާ މެދު ގާނޫނީ އަދި އިދާރީ ދާއިރާތަކުގައި ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފަ އެވެ.