ކުރިއަށް އޮތް ބޮޑު އީދު ބަންދުގެ ކުރިން ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ދޭން އަންގައި ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއާ ޚިލާފަށް ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް މުސާރަ ލިބެނީ އީދަށް ފަހުކަން އެނގިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 11 ވަނަ ދުވަހު ނެރުނު ސާކިއުލާގައިވާ ގޮތުން ބޮޑު އީދާ ގުޅިގެން މި މަހުގެ 26 އިން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާތީ ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތައް ދޭ އޮފީސްތަކުން މި މަހުގެ މުސާރައިގެ އިތުރުން ދޭ ބަދަލުވާ އިނާޔަތްތަކާއި، ގަޑި ލާރި ހިސާބުކުރުމުގެ މުއްދަތަކަށް އޭޕްރީލް 16 އިން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރަން ވަނީ އަންގައިފަ އެވެ.
ހަމައެއާއެކު ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާގެ 'އެކައުންޓްސް ޕޭޔަބަލް މޮޑިއުލް' ބޭނުންކުރާ އޮފީސްތަކުން މުސާރަ ވައުޗަރުތައް މިދިޔަ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ސިސްޓަމްގައި ޕޯސްޓުކުރަން ވެސް އެންގި އެވެ. އަދި ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާގެ 'އެޗްއާރް މޮޑިއުލް' ބޭނުންކުރާ އޮފީސްތަކަށް މުސާރަ ޕޯސްޓުކުރުމަށްޓަކައި، ހަމަ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު ދީފަ އެވެ.
ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ސާކިއުލާއާ ޚިލާފަށް ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް މުސާރަ ޖަމާވަނީ އީދު ބަންދަށް ފަހެވެ.
ސަރުކާރުގެ ކެބިނެޓަށް މިފަހުން ގެނައި ބަދަލާއެކު ކުރިން ވަކި މިނިސްޓްރީއެއް ގޮތަށް އޮތް ޖެންޑާ މިނިސްޓްރީ މިހާރު އޮތީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ހެލްތު މިނިސްޓްރީގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އީދު ބަންދުގެ ކުރިން މުސާރަ މިއަދު ޖަމާކުރާނެކަން ވަނީ އެނގިފަ އެވެ.
އެހެންނަމަވެސް އެ މިނިސްޓްރީގެ ދަށުގައި ތިބި ޖެންޑާގެ މުވައްޒަފުންނަށް މުސާރަ ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް އަދި އެކަމާ ގުޅޭ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
އީރާން މަޝްވަރާތައް އަވަސްކުރަން ޕާކިސްތާނުން މަސައްކަތް ފަށައިފި
"ކަނޑުމަހުން ޓެރިފް ކެނޑީ، އެތެރެކުރާ ހުރިހާ ގައުމަކުން"
"މެ ވާޕަސް އާއުންގާ"ގެ ޓްރެއިލާ ދައްކާލައިފި