ބޭރަށް ދައްކަން ހުރި ބޮޑެތި ދަރަނިތަކެއް ދާދި ފަހުން ދެއްކުމުން ބޭނުންކުރެވޭ ރިޒާވް 244 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކުގެ އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބޭރުގެ ދަރަނިތައް ދެއްކުމުން ރަސްމީ ރިޒާވު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. މިގޮތުން ދަރަނިތައް ދެއްކުމަށް ފަހު އެޕްރީލް މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 244.2 މިލިއަން ޑޮލަރެވެ. މިއީ މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 40 ޕަސެންޓްގެ ދަށްވުމެކެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވްގައި 409 މިލިއަން ޑޮލަރު ހުއްޓެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރަސްމީ ރިޒާވް އެޕްރީލް މަހުގެ ނިޔަލަށް ހުރީ 717.9 މިލިއަން ޑޮލަރުގަ އެވެ. މި އަދަދު މާޗް މަސް ނިމުނު އިރު 1.33 ބިލިއަން ޑޮލަރުގައި ހުރިއިރު މިއީ 46 އިންސައްތައިގެ ދަށްވުމެކެވެ. ރިޒާވް ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ އެޕްރީލް މަހުގެ ދައުލަތުން އަދާކޮށްފައިވާ ދަރަނިތަކެވެ. ހަމައެކަނި އެޕްރީލް މަހު ސަރުކާރުން ވަނީ 924 މިލިޔަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފަ އެވެ.
ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ ދަރަނީގެ ގޮތުގައި ދައްކާފައިވާއިރު، މި ދަރަނި ތަކަކީ އެކި ދުވަސްވަރު މަތިން ނަގާ މިއަހަރަށް މުއްދަތު ހަމަވާ ގޮތަށް ހުރި ދަރަނިތަކެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށްވާ ފައިސާ އާއި، 2024 ވަނަ އަހަރު ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، ސޮއިކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީ ހިމެނެ އެވެ. މި ދަރަނިތައް އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވުން ކަމަށް ސަރުކާރުން ބުންޏެވެ.
ރަސްމީ ރިޒާވު ދަށްވެގެން ދިޔައިރު، ބޭނުން ކުރެވޭ ރިޒާވް ވެސް ހުރީ ދަށްވެފަ އެވެ. ބޭނުން ކުރެވޭ ރިޒާވް ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓްގެ ގޮތުގައި ހުރި ބޭރު ފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހު އެވެ. އެއީ ދައުލަތުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ހުންނަ އަދަދެވެ.
ފެބުރުއަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 570 މިލިއަން ޑޮލަރުގަ އެވެ. މި އަދަދު މާޗު މަހުގެ ނިޔަލަށް 1 ބިލިއަން ޑޮލަރަށް ވުރެ މަތީގައި ހުރިއިރު މިހާ ބޮޑަށް ދަށްވެފައި ވަނީ ދަރަނިތައް އަދާކުރުމުން ކަމަށް ލަފާކުރެ އެވެ.
"ކަނޑުމަހުން ޓެރިފް ކެނޑީ، އެތެރެކުރާ ހުރިހާ ގައުމަކުން"
އީރާން މަޝްވަރާތައް އަވަސްކުރަން ޕާކިސްތާނުން މަސައްކަތް ފަށައިފި
ސްކޫލް ފިލާވަޅެއްގެ ގޮތުގައި ފެށި ފިލްމު ރިލީޒް ކޮށްފި