އީރާނުގެ އިންޓަނެޓްގެ ހިދުމަތް އަލުން އިއާދަކުރުމަށް އަމުރުކުރި ރިޔާސީ އިދާރާ، އެގައުމުގެ ޖުޑީޝަރީން ސަސްޕެންޑްކޮށްފި އެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އީރާނުގައި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައި އޮންނަތާ މަސްތަކެއް ވުމަށްފަހު، އެ ހިދުމަތް އަލުން ދިނުމަށް އަމުރުކުރި ރިޔާސީ އިދާރާ ސަސްޕެންޑް ކުރިކަން ހާމަކުރީ އަންގާރަ ދުވަހު އެވެ.
އީރާނުގެ ޖުޑީޝަރީގެ "މީޒާން އޮންލައިން" ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މި އިދާރާ ސަސްޕެންޑް ކުރަން ނިންމީ ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެންނެވެ. ނަމަވެސް އެ ޝަކުވާތައް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އެ ނޫހުގައި ހާމަކޮށްފައެއް ނުވެއެވެ.
މި ނިންމުން އަމާޒުވެފައިވަނީ ރައީސް މަސްއޫދު ޕެޒެޝްކިއަން މެއި މަހުގެ 12 ވަނަ ދުވަހު އުފެއްދެވި "ސްޕެޝަލް ހެޑްކުއާޓާސް ފޯ އޯގަނައިޒިން އެންޑް ގަވާނިން ދަ ކަންޓްރީސް ސައިބާސްޕޭސް" ނަމަކަށް ކިޔާ އިދާރާއަށެވެ.
ސަރުކާރުގެ ތަރުޖަމާނު ފާތިމަތު މުހާޖިރާނީ ވިދާޅުވި ގޮތުގައި، އީރާނުގައި އިންޓަނެޓްގެ ހިދުމަތް އަލުން ދިނުމަށް އެ އިދާރާއިން ހޯމަ ދުވަހު ވަނީ ނިންމާފަ އެވެ. މިގޮތަށް ނިންމީ ރައީސް ޕެޒެޝްކިއަން އެކަމަށް އަމުރުކުރެއްވުމާ ގުޅިގެން ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
އީރާނުގެ ގާނޫނުތައް ބުނާގޮތުން، އިންޓަނެޓްގެ ހިދުމަތް އިއާދަކުރުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު އޮންނަނީ އެގައުމުގެ އެންމެ މަތީ ސަލާމަތީ މަޖިލިސް ކަމަށްވާ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް އަށެވެ.
އިންޓަނެޓްގެ ހާލަތު ބަލާ ބައިނަލްއަގުވާމީ ގްރޫޕެއް ކަމަށްވާ "ނެޓްބްލޮކްސް" އިން އެކްސްގައި ހާމަކުރި ގޮތުގައި، އީރާނުގެ ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ އިންޓަނެޓްގެ ހިދުމަތް ކޮންމެވެސް މިންވަރަކަށް ލިބެން ފަށާފަ އެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން އިންޓަނެޓްގެ ހިދުމަތްތައް ހަނިކުރަން ފެށީ ޖެނުއަރީ މަހުގެ ކުރީކޮޅު އެގައުމުގައި ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެންނެވެ. އަދި ހަނގުރާމަ ފެށުމާއެކު ފެބްރުއަރީ 28 ގައި ވަނީ މުޅިން ހިދުމަތް ކަނޑާލާފަ އެވެ. އިންޓަނެޓް ބަންދުކޮށްފައި އޮތް ދުވަސްވަރު، އީރާނުގެ ރައްޔިތުންނަށް ބޭނުންކުރެވެނީ ހަމައެކަނި އެގައުމުގެ އެތެރޭގެ ޕްލެޓްފޯމްތަކާއި ވެބްސައިޓްތަކެވެ.
ފާއިތުވި ހަފްތާތަކުގައި "ޕްރޯ އިންޓަނެޓް" ގެ ނަމުގައި ވަކި ފަންތިތަކެއްގެ ފަންނީ މީހުންނަށް، ބޮޑު ފީއެއް ދައްކައިގެން އިންޓަނެޓް ބޭނުންކުރެވޭނެ ނިޒާމެއް އީރާނުން ތައާރަފްކުރި އެވެ. ނަމަވެސް "ނެޓްބްލޮކްސް" އިން ފާހަގަކުރި ގޮތުގައި، އޭޕްރީލް 5 ވަނަ ދުވަހާ ހަމައަށް އީރާނުގައި އިންޓަނެޓް ބަންދުކޮށްފައި އޮތް އޮތުމަކީ، ދުނިޔޭގެ ތާރީހުގައިވެސް ގައުމެއްގައި އެންމެ ގިނަ ދުވަހު މުޅި ގައުމުން އިންޓަނެޓް ކަނޑާލާފައި އޮތް ފަހަރެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސަލާމަތް ނުކުރެވޭނެ: ހާމަނާއީ
ހައްޖު ދުވަހުގެ މާތްކަން ހާމަވާ 10 ކަމެއް!
2039 ވަނަ އަހަރު މުސްލިމުންނާ 3 އީދު ބައްދަލު ކުރާނެ!