ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒާ ސުވާލެއް ކުރުމުގެ ކުށުގައި ޖަލަށްލި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިނިވަންވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން ޝަހުޒާނަށް 15 ދުވަހުގެ ޖަލު ހުމެއް އިއްވީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު އެ މައްސަލައަށް ޖަވާބުދާރީވާން އެކަށީގެންވާ ވަގުތު ނުދީ އެވެ.

އަވަސް އަރުވާލައިގެން އެ ހުކުމް ކުރީ އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިޔުމެންޓްރީގެ ވާހަކަ ދެއްކި ކަމަށް ބުނެ އެވެ. ނަމަވެސް ރައީސް މުއިއްޒާ ކުރި ސުވާލުގައި އެ ޑޮކިޔުމެންޓްރީގެ އެއްވެސް ވާހަކައެއް އޭނާ ނުދައްކަ އެވެ.

ޝަހުޒާން ރައީސް މުއިއްޒާ ކުރި ސުވާލަކީ ރައީސް އޮފީހުގެ އަންހެން މުވައްޒަފަކާ ދަންވަރު ގަޑީގައި ތަކުރާރުކޮށް އެކި ދުވަސްމަތިން ގުޅުއްވީ ކީއްވެގެންތޯ އެވެ.

އެ ސުވާލުކުރުމާ އެކު ކޯފާ އިސްކުރައްވައި ރައީސް މުއިއްޒު ވަނީ އެއީ އައިޝާ ޑޮކިޔުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރާ ކޯޓް އަމުރާ ޝަހުޒާން ހިލާފުވުން ކަމަށް ކަނޑައަޅުއްވާފަ އެވެ.

ޖަލު ހުކުމުގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 26،800 ރުފިޔާ ދައުލަތަށް ދައްކަން ވެސް ވަނީ ހުކުމް އިއްވާފަ އެވެ.

ޝަހުޒާންގެ އިތުރުން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރަށް ވެސް ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭނާ 10 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް، މިދިޔަ ހުކުރު ދުވަހު ވަނީ މިނިވަންވެފަ އެވެ. އޭނާ ވަނީ 25،800 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

ދެ ނޫސްވެރިންގެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެމްޖޭއޭއިން ވަނީ އާއްމުންގެ އެހީއަށް އެދިފަ އެވެ. ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކުން ޝަހުޒާންގެ އެކައުންޓަށް ނުވަތަ ލީވާންގެ އެކައުންޓަށް ވެސް ޖަމާކުރެވިދާނެ އެވެ.

ޝަހުޒާން އެކައުންޓް: 7704279704101

ލީވާން އެކައުންޓް: 7730000168109

މި ދެ ނޫސްވެރިންނަށް އެހީތެރިވުމަށް ފައިސާ ޓްރާންސްފާ ކުރާ ފަރާތްތަކުން، ފައިސާ ފޮނުވިކަމުގެ ސްލިޕް 9737592 ނަންބަރު ފޯނަށް ފޮނުވުމަށް އެމްޖޭއިން އެދެ އެވެ.