ހޮލީވުޑްގެ ކުރީގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޮލީއާ ދެމެދު ފްރާންސްގައި ހުންނަ "ޝެޓޯ މިރަވަލް" ވައިންޔާޑާ ގުޅިގެން ހިނގަމުންދާ ވަރުގަދަ ގާނޫނީ ހަނގުރާމައިގައި، ބްރެޑް ޕިޓް ކޯޓުގައި މުހިއްމު ކާމިޔާބީއެއް ހޯދައިފި އެވެ.
މި މައްސަލައިގައި މިޝިގަންގެ ފަނޑިޔާރަކު ނެރުއްވި އަމުރެއްގައި ބުނެފައިވަނީ، މި ވައިންޔާޑުން ޖޮލީގެ ހިއްސާ ވިއްކާލި މައްސަލައިގެ މުހިއްމު ހެކި ބަހެއް ހޯދުމަށް ކުރިއަށް ގެންދިޔަ ސުވާލު ކުރުމުގެ މަރުހަލާގައި، ސްޓޯލީ ގްރޫޕްގެ ވަކީލުން "ނޭދެވޭ ގޮތެއްގައި" ހުރަސް އަޅާފައިވާ ކަމަށެވެ.
އެއާއެކު އެ ކުންފުނީގެ ޖެނެރަލް ކައުންސެލް ތޮޑް ކުލީބާ، އަލުން ކޯޓަށް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފަނޑިޔާރު ވަނީ އަމުރު ކުރައްވާފަ އެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މީގެ ކުރިން ކުރިއަށްދިޔަ ސުވާލު ކުރުމުގެ މަރުހަލާގައި ސްޓޯލީ ގްރޫޕްގެ ވެރިޔާ ޔޫރީ ޝެފްލާ ޖޮލީގެ ހިއްސާ ގަތުމުގައި އަދާކުރި ދައުރާ ބެހޭގޮތުން ކުރެވުނު 33 ސުވާލަކަށް ޖަވާބު ނުދިނުމަށް ވަކީލުން ވަނީ ކުލީބާއަށް އަންގާފަ އެވެ.
ނަމަވެސް ފަނޑިޔާރު ނިންމެވީ މިއީ ވިޔަފާރީގެ މުއާމަލާތަކާ ގުޅުންހުރި ކަމަކަށްވާތީ، އެކަމުގައި ގާނޫނީ ސިއްރު ހިފެހެއްޓުމުގެ އުސޫލު ބޭނުން ކޮށްގެން ޖަވާބު ނުދީ ނުހުރެވޭނެ ކަމަށެވެ. އެހެންކަމުން އޭނާ އަލުން ހާޒިރުވެ އެ ސުވާލުތަކަށާއި، އެއާ ގުޅުންހުރި އިތުރު ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނެ އެވެ.
ބްރެޑްއަށް މި ކާމިޔާބީ ލިބުނީ މީގެ ހަފުތާތަކެއް ކުރިން ލޮސް އެންޖެލިސްގެ ކޯޓަކުން ޖޮލީއާ އެއްކޮޅަށް މުހިންމު ނިންމުމެއް ނިންމާފައި ވަނިކޮށެވެ.
އެ ފަހަރު ކޯޓުން ވަނީ ޖޮލީގެ އަމިއްލަ އީމެއިލްތަކެއް ހޯދުމަށް ޕިޓް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާފަ އެވެ. ޖޮލީގެ ވަކީލު ޕޯލް މާފީ އޭރު ބުނެފައިވަނީ އެ ނިންމުމުން އެނގެނީ ޖޮލީގެ އަމިއްލަ މުއާމަލާތް ތަކަށް ބާރު ފޯރުވަން ޕިޓް ކުރާ މަސައްކަތް ބަލައި ނުގަނެވޭނެ ކަމަށެވެ.
ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޮލީގެ ކައިވެނި ރޫޅުނު ނަމަވެސް، 2022 ވަނަ އަހަރުން ފެށިގެން މި ދެތަރިން ދަނީ "ޝެޓޯ މިރަވަލް" ވައިންޔާޑުގެ މައްސަލައިގައި ކޯޓުގައި ބޮޑު ހަނގުރާމައެއް ކުރަމުންނެވެ.
ޕިޓް ދައުވާކުރާ ގޮތުގައި، ދެމީހުންގެ މެދުގައި އޮތް އެއްބަސްވުމާ ހިލާފަށް ޖޮލީ ވަނީ އޭނާގެ ހިއްސާ ސްޓޯލީ ގްރޫޕްގެ ސަބްސިޑިއަރީ ކުންފުންޏަކަށް ސިއްރިއްޔާތުގައި ވިއްކާލާފަ އެވެ. ނަމަވެސް ޖޮލީ އެފަދަ އެއްބަސްވުމެއް އޮތް ކަމަށް އިންކާރުކުރެ އެވެ.
މި ދެ ތަރިންގެ މެދުގައި އޮތް ގާނޫނީ އަރާރުންތައް ދިގުލައިގެން ގޮސްފައިވާއިރު، އެމީހުންގެ ދަރިންވެސް މިހާރު ދަނީ އެމީހުންގެ ނަމުގެ ފަހަތުން "ޕިޓް" އުނިކޮށް، ހަމައެކަނި "ޖޮލީ" ބޭނުން ކުރަން ގާނޫނީ ގޮތުން ފިޔަވަޅުތައް އަޅަމުންނެވެ.
7 އަހަރަށްފަހު ޒެންޑާޔާގެ "ޔޫފޯރިއާ" ނިންމާލައިފި
ކޭންސް 2026: އަައިޝްވާރްޔާގެ ދިފާއުގައި މާދޫރީ ނުކުމެއްޖެ
ނަތަންޔާހޫގެ އަމުރަށް އިޒްރޭލު ސިފައިން ލުބުނާނަށް ވަދެގަނެއްޖެ