އިންސްޓަގްރާމްގެ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓަށް އޮޅުވާލައިގެން ހެކަރުންތަކެއް އެތައް މިލިއަން ކަސްޓަމަރުންގެ ޑޭޓާ ވަގަށް ނަގައިފި އެވެ.
ސައިބާ ސެކިއުރިޓީގެ ދާއިރާ ސިއްސުވާލި މި ހާދިސާގައި ހެކަރުން ވަނީ އިންސްޓަގްރާމްގެ އޮޓޮމޭޓެޑް ކަސްޓަމާ ސަޕޯޓް "ޗެޓްބޮޓް"އަށް ހީލަތްތެރި ގޮތަކަށް އޮޅުވާލައިގެން އެތައް މިލިއަން ޔޫޒަރުންގެ ސިއްރު މައުލޫމާތުތައް ހޯދާފަ އެވެ. ބީ
ބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ސިސްޓަމްގެ ކޯޑު ފޫ އަޅުވާލުމުގެ ބަދަލުގައި އޭއައި ސިސްޓަމްތަކަށް ސައިކޮލޮޖިކަލް ގޮތުން ބާރު ފޯރުވައިގެން މައުލޫމާތު އަތުލުމަށް ބޭނުންކުރާ "ޕްރޮމްޕްޓް އިންޖެކްޝަން" ފަދަ އާ ގޮތްތައް ބޭނުން ކޮށްގެން ހިންގި ބޮޑު ސައިބާ ކުށެކެވެ.
މި އެޓޭކްގެ ސަބަބުން ހެކަރުން ވަނީ އިންސްޓަގްރާމްގެ އާންމު ޔޫޒަރުންނާއި މަޝްހޫރު ސެލެބްރިޓީންގެ އީމެއިލް އެޑްރެހާއި، ފޯނު ނަންބަރު ފަދަ ނާޒުކު މައުލޫމާތުތައް ކާމިޔާބު ކަމާއެކު އަތުލާފަ އެވެ.
ބޮޓަށް އޮޅުވާލީ ކިހިނެއް؟
އާންމުކޮށް ސައިބާ އެޓޭކްތަކުގައި ހެކަރުން ކުރާ ކަމަކީ ސިސްޓަމްތަކުގެ ސެކިއުރިޓީ ކޯޑު ހެކް ކުރުމެވެ. ނަމަވެސް މި ހާދިސާގައި ހެކަރުން ބޭނުންކުރީ މުޅިން ތަފާތު އުކުޅެކެވެ.
އިންސްޓަގްރާމްގެ އެޕްގެ ތެރޭގައި ޔޫޒަރުންނަށް އެހީތެރިވުމަށް ބަހައްޓާފައި ހުންނަ ސަޕޯޓް ޗެޓްބޮޓާ ވާހަކަ ދައްކާއިރު ހެކަރުން ވަނީ ބޮޓްގެ "ސިކުނޑި" ސިއްސުވާލާ ފަދަ ކޮމާންޑްތަކެއް ނުވަތަ ސުވާލުތަކެއް ބޭނުން ކޮށްފަ އެވެ.
އެ ބޮޓަށް ދީފައިވާ ރައްކާތެރިކަމުގެ އުސޫލުތައް މުގުރާލުމަށްފަހު އެ ބޮޓަކީ އިންސްޓަގްރާމްގެ އެޑްމިނިސްޓްރޭޓަރެއް ކަމަށް ގަބޫލު ކުރުވައި، ނުވަތަ އެހެން ސިއްރު އުކުޅެއް ބޭނުން ކޮށްގެން، ޑޭޓާބޭސްގައި ހުރި ޔޫޒަރުންގެ އީމެއިލްތަކާއި ފޯނު ނަންބަރުތައް ބޮޓް "އަމިއްލައަށް" ދޭނެ ގޮތް ހެދި އެވެ.
މި ހާދިސާއިން ސާބިތުވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ހަދާފައިވާ ޗެޓްބޮޓްތަކަކީ އިންސާނުން ފަދައިން އޮޅުވާލެވިދާނެ އެއްޗެހި ކަމެވެ. މިއީ ސައިބާ ސެކިއުރިޓީ މާހިރުންނަށް ކުރިމަތިވި މުޅިން އާ ގޮންޖެހުމެކެވެ
މި މައްސަލަ ފާހަގަ ކުރެވުމާއެކު އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާއިން ވަނީ ސަޕޯޓް ޗެޓްބޮޓްގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލައ، އޭގެ ސެކިއުރިޓީ ސިސްޓަމްތައް ވަރުގަދަ ކުރަން ފަށާފަ އެވެ.
އެހެން ނަމަވެސް އޭގެ ކުރިން ހެކަރުން ވަނީ ބޮޓްގެ އެހީގައި ހޯދި މިލިއަނުން މައުލޫމާތުތައް "ޑާކް ވެބް"ގައި ފައިސާއަށް ވިއްކަން ފަށާފަ އެވެ.
މި އެޓޭކްގެ ސަބަބުން ސީދާ ޔޫޒަރުންގެ ޕާސްވޯޑްތައް ހެކް ނުވި ކަމުގައި ވިޔަސް، އީމެއިލްއާއި ފޯނު ނަންބަރު ލިބުމުން، ހެކަރުން ދެން މަސައްކަތް ކުރާނީ "ފިޝިންގް" ލިންކުތައް ފޮނުވައިގެން ޔޫޒަރުން އަމިއްލައަށް ޕާސްވޯޑް ޖަހާނެ ގޮތް ހެދުމަށެވެ.
އެހެންކަމުން، އިންސްޓަގްރާމް ބޭނުންކުރާ އެންމެހާ ފަރާތްތަކުން ލިބޭ ޝައްކުކުރެވޭ މެސެޖުތަކާއި ލިންކުތަކަށް ނުފިއްތުމަށް ސެކިއުރިޓީ މާހިރުން މިހާރު ދަނީ އިންޒާރު ދެމުންނެވެ.
ފިޗުން ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފި
ހެނދުނާއި ހަވީރުގެ ސައިން ސިއްހަތާއި ނިންޖަށް ކުރާ އަސަރު!
ޖަސްޓިންއާއި ބްލޭކްގެ ކޯޅުމަށް ނިމުމެއް ނެތް، އަލުން ކޯޓަށް!