ދާރުއްސަލާމް (08 މެއި) - އިޒްރޭލުގެ ސިފައިން މަސްޖިދުލް އަގްސާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ގިނަ ޒުވާނުންތަކެއް ޒަހަމްވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ދިން މި ހަމަލާތަކުގައި 169 އާއްމުންނާއި އިސްރާއީލުގެ ހަ ފުލުސް އޮފިސަރުންނަށް އަނިޔާވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ ތެރޭގައި ގިނައީ މަސްޖިދުލް އަގްސާގައި ރަމަޟާން މަހުގެ އަޅުކަން ކުރަން ތިބި ފަލަސްތީނުގެ ޒުވާނުންނެވެ.

އަސްކަރީ ޔުނީފޯމުގައި ތިބި އިސްރާއީލްގެ ސިފައިން ވަނީ މި ހަމަނުޖެހުންތަކުގެ ތެރެއިން ރަބަރު އުންޑައާއި ކަރުނަ ގޭހުގެ އިތުރުން މިރުސްފެން ފަލަސްތީނުގެ އާއްމުންނާ ދެކޮޅަށް ބޭނުންކޮށްފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާތަކަށް ފަލަސްތީނުގެ އާއްމުން ވަނީ އޮށްގަލާއި ބަޑިބޭސް އަދި އެނޫންވެސް ތަކެތި ބޭނުންކޮށްގެން ރައްދުދީފަ އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރި ސަރަހައްދަށް ގަދަކަމުން ވެރިވެގަނެ އިސްރާއީލުގެ ސިފައިން ދަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ އާއްމުން ބޭރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މި މައްސަލަ ހޫނުވެ ފަލަސްތީނުގެ އާއްމުންނާއި އިސްރާއީލުގެ ސިފައިންގެ މެދުގައި ހިނގާ ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ.

އިސްރާއީލުގެ މި އަމަލު ކުށްވެރިކޮށް ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރަން އެމެރިކާއިން އިސްރާއީލަށް ގޮވާލާފައިވާއިރު އުރުދުން ފަދަ އިތުރު ގައުމުތަކުން ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މުސްލިމުންގެ ތިންވަނަ ހަރަމް ކަމަށްވާ މަސްޖިދުލް އަގްސާއަކީ ޒަމާނުއްސުރެ ޔަހޫދީން ޒައިނިސްޓުންގެ އަމާޒަކަށް ވެފައިވާ މިސްކިތެކެވެ. އެ މިސްކިތުގައި އަޅުކަން ކުރަން ތިބޭ މުސްލިމުންނަށް ދުއްތުރާކޮށް އަނިޔާ ކުރުމަކީ އެބައިމީހުންގެ އާދައެކެވެ.-- ރޮއިޓާސް