ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އުވާލި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ގެ މަގާމު ނުގެއްލޭނެކަމުގެ ޔަގީންކަން މިދިޔަ މެއި މަހު ދިނުމަށްފަހު، ކުއްލިއަކަށް އިއްޔެ އެ އެންމެން ވެސް މަގާމުތަކުން ވަކިކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެސްޖީންނަށް ފޮނުވި ރަސްމީ ލިޔުމުގައި ބުނެފައި ވަނީ، އަތޮޅު ކައުންސިލްތައް ގާނޫނީ ގޮތުން އުވިފައިވާތީ ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އެ ބޭފުޅުން ވަޒީފާއިން ދޫކޮށްލަން ޖެހުނީ ކަމަށެވެ. އަދި ވަޒީފާ ދޫކޮށްލުމުގެ އިނާޔަތެއްގެ ގޮތުގައި އެއްފަހަރާ ދޭ 10,000 ރުފިޔާގެ އެލަވަންސެއް ކޮންމެ މުވައްޒަފަކަށް ވަނީ ދީފަ އެވެ.

އިއްޔެ ސީއެސްސީން މި ފިޔަވަޅު އެޅި ނަމަވެސް، އަތޮޅު ކައުންސިލްތައް އުވާލުމަށް ފާސްކުރި އައު ގާނޫނުގައިވާ ގޮތުން މުވައްޒަފުންގެ ވަޒީފާ ސީދާ ގެއްލިގެން ނުވާނެ އެވެ. އައު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަކީ އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުންގެ ވަޒީފާ ބަދަލުކޮށް ނިމެންދެން، އެ ބޭފުޅުން ތިއްބަވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުންގެ ގޮތުގަ އެވެ. ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިހާބަށްފަހު، އަލަށް ހޮވޭ މެންބަރުން މަގާމާ ހަވާލުވާތާ 60 ދުވަހުގެ ތެރޭގައި އެލްޖީއޭގެ މަޝްވަރާއާއެކު ސީއެސްސީން އެ މުވައްޒަފުންނަށް ކުރިން ތިބި ފެންވަރުގެ އެހެން ވަޒީފާއެއް ހަމަޖައްސަންޖެހެ އެވެ.

މީގެ ކުރިން ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި ލިބޭ އިނާޔަތްތަކަށް އުނިކަން ނާންނާނެހެން ކަންކަން ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

ނަމަވެސް ގާނޫނާއި ރައީސްގެ އެންގެވުމާ ހިލާފަށް ކުއްލި ގޮތަކަށް އެސްޖީން ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމާ ގުޅިގެން، މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަރުން ހޮވާފައެއް ނުވެއެވެ. މިހާރު ކައުންސިލްތަކުން ސީދާ ޖަވާބުދާރީވާން ޖެހެނީ އެލްޖީއޭ އަށެވެ.