އާޝޫރާ ދުވަހުގެ ހާދިސާއިން އެނގެނީ ﷲގެ މަގަށް ރުޖޫއަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މި މުގައްދަސް ދުވަހުގެ މުހިންމުކަން ބަޔާންކޮށްދެމުން ހުތުބާގައި ހަނދާންކޮށްދިނީ، އާޝޫރާ ދުވަސް ހިމެނޭ މުހައްރަމު މަހަކީ މާތްﷲ ހުރުމަތްތެރި ކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މައްސަރެއް ކަމެވެ. އިސްލާމީ ތާރީހުގައި މި ދުވަސް ފާހަގަވެފައި ވަނީ އަނިޔާވެރި ފިރުއައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން މާތްﷲ ސަލާމަތްކޮށްދެއްވި، އިބުރަތުން ފުރިގެންވާ ދުވަހެއްގެ ގޮތުގަ އެވެ.
އެ މުހިންމު ނަސްރަށްޓަކައި ﷲއަށް ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނުގެ އުންމަތުގެ މީހުން އެ ދުވަހު ރޯދަ ހިފިއިރު، މިއަދު އެއީ މުޅި އިސްލާމީ އުންމަތަށް އޮތް ބަރަކާތްތެރި ސުންނަތެކެވެ.
މި ދުވަހުގެ ރޯދައިގެ މަތިވެރި ސަވާބާ ބެހޭގޮތުން ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ، އާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެހެންކަމުން، މި ބޮޑު ސަވާބު ހާސިލުކުރުމަށްޓަކައި ރަސޫލާގެ ސުންނަތުން އެނގެން އޮތް ތިން ދަރަޖައަށް ހުތުބާގައި އަލިއަޅުވާލި އެވެ. އެއީ:
- ފުރިހަމަ ދަރަޖަ: އާޝޫރާ ދުވަހުގެ ރޯދައާއެކު، އޭގެ އެއް ދުވަސް ކުރިން (މުހައްރަމް 9) އަދި އެއް ދުވަސް ފަހުން (މުޙައްރަމް 11) ރޯދަ ހިފުން.
- ދެވަނަ ދަރަޖަ: ގިނަ ހަދީސްތަކުން ދޭހަވާ ގޮތަށް، މުހައްރަމް މަހުގެ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު (އާޝޫރާ ދުވަހު) ރޯދަހިފުން.
- ތިންވަނަ ދަރަޖަ: ހަމައެކަނި އާޝޫރާ ދުވަހު (މުހައްރަމް 10 ގައި) އެކަނި ރޯދަހިފުން.
އަހަރުގެ އެކި ހިސާބުތަކުގައި މާތްﷲ މިފަދަ ހާއްސަ ދުވަސްތައް މެދުވެރިކުރައްވަނީ އިންސާނާގެ ނަފުސު އަޅުކަންތަކަށް ހޭނުވުމުގެ ފުރުސަތު ދެއްވުމަށެވެ. ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި ހާއްސަވެގެންވާ އެހެން އެއްވެސް އަޅުކަމެއް ސާބިތުވާކަށް ނެތެވެ.
ހުތުބާ ނިންމާލާފައި ވަނީ މި މަތިވެރި ފުރުސަތުގެ ބޭނުން ހިފައި، ރަސޫލާ އެންގެވި މަގުން އާޝޫރާ ދުވަހު ރޯދަހިފައި، ﷲގެ ހަޒުރަތަށް ކުއްތަންވުމަށް މުޅި އިސްލާމީ އުންމަތަށް ވަސިއްޔަތް ކުރަމުންނެވެ.
ކަނޑުއޮޅި ހުޅުވާލައި، އެމެރިކާގެ ބްލޮކޭޑް ވަގުތުން އުވާލަނީ
މަކުނުދޫގެ އާރްޓީއެލް ދަތުރުތައް ކެންސަލްވާތާ ހަފްތާއެއް
މިސައިލް ޕްރޮގްރާމާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރާނެ: އީރާން