މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ. މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ހޯދާފައިވަނީ ގަތަރު އެއާވޭސްގެ ފުލައިޓަކުން ރާއްޖެ އައި ސްޕެއިންގެ ފަތުރުވެރިޔާ އަލްމުދޭނާ އެސްޕަރްޒާ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްމުދޭނާ އެސްޕަރްޒާގެ ދެމަފިރިންނަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނާއި، ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) ގެ ސީއީއޯ އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސް ބައެއް ބޭފުޅުންނެވެ. މި ފަތުރުވެރިޔާ އައުމާ ގުޅިގެން އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައި، ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 988,597 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1.05 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ފަސް ޕަސެންޓުގެ ދަށްވުމެކެވެ.
ފަތުރުވެރިން އަންނަ މިންވަރު ދަށްވެފައިވަނީ މި ދުވަސްވަރަކީ އާންމުކޮށްވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދު ދުވަސްވަރަކަށް ވުމާއި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ. މިދިޔަ ފެބްރުވަރީ މަހުގެ 28 ގައި ފެށުނު މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ފެނިފައިވަނީ މާޗު އަދި އޭޕްރިލް މަހުގަ އެވެ. މިދިޔަ އަހަރުގެ މާޗު މަހާ އަޅައިބަލާއިރު މިއަހަރުގެ މާޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 20.7 ޕަސެންޓް ދަށްވެފައިވާއިރު، އޭޕްރިލް މަހު ވަނީ 24.4 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް، މިދިޔަ މެއި މަހު ފަތުރުވެރިން އައި އަދަދަށް 1.7 ޕަސެންޓްގެ ކުޑަ ކުރިއެރުމެއް ވަނީ ލިބިފަ އެވެ.
"އޮމެގާ 3"އިން ހަނދާނަށް އެއްވެސް އަސަރެއް ނުކުރޭ: ދިރާސާ
ނިއާގްރާ ފޯލްސްއިން ވޯލްޑް ކަޕް: ތަފާތު ތަޖުރިބާއެއް!
ކެނެޑާއަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު