ލ. ގަމާއި އދ. މާމިގިލީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ރޭގަނޑު 9:00ގެ ފަހުން ކާފިއު އެ ދެ ރަށުގައި ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ޑިރެކްޓަ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމެއްގައި ވަނީ ރޭގަނޑު 9:00އިން ފެށިގެން ފަތިހު 4:00އަށް އެ ދެ ރަށުގައި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އޭގެއިތުރުން ވެސް ޚާއްސަ ފިޔަވަޅުތަކެއް އެރަށުގައި ވަނީ އަޅާފަ އެވެ.

އެގޮތުން އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން އާންމު ތަންތަނުގައި އެއްވުން ވަނީ މާނަކޮށްފަ އެވެ. ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށްފަ އެވެ.

މީގެއިތުރުން ސެލޫނުތަކާއި، ޖިމްތައް ބަންދުކޮށް، ހުރިހާ ކުޅިވަރާއި ކަސްރަތު ހަރަކާތައް ހުއްޓާލަން ވަނީ އަންގައިފަ އެވެ. ފިހާރަތަކުންނާއި ޓެކްސީ ތަކުން ޚިދުމަތްދޭން ވާނީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް ކަމަށް ވަނީ އަންގާފަ އެވެ.

ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓުތަކުން ހަމައެކަނި ޓޭކްއަވޭއާއި ޑެލިވަރީ ހިދުމަތް ދިނުމަށް ވަނީ އަންގާފަ އެވެ.

ހަމައެހެންމެ ގަމުގައި އެއް އަވަށުން އަނެއް އަވަށް ދަތުރު ކުރުންވެސް ވަނީ މާނަކޮށްފަ އެވެ.

މީގެކުރިން ވަނީ އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު. ކ. މާފުށި، ބ. އޭދަފުށި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.