ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިދިޔަ ސަރުކާރުން އިމާރާތްކުރި ފްލެޓުތަކުގައި ކުނި އުކާލުމަށް ހާއްސަ ގާބޭޖް ޝޫޓް ހަރުކޮށްފައި ނުވާތީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވުމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މަޖިލީހަށް ހާޒިރުކުރުމަށް އެދިއްޖެ އެވެ.
މި މައްސަލައާ ގުޅިގެން ހައުސިން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ. މިނިސްޓަރު މުއްތަލިބަށް ފޮނުވި ސުވާލުކުރުމުގެ ނޯޓިސްގައި ވަނީ ފްލެޓުތަކުގައި ކުނި އުކާލުމަށް ހާއްސަ ގާބޭޖް ޝޫޓް ހަރުނުކުރަން ޖެހުނު ސަބަބުތައް ސާފުކޮށްދިނުމަށް އެދިފަ އެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރި 4000 ހައުސިން ޔުނިޓަކީ އަސްލު ފަރުމާކުރެވުނު އިރު ވެސް ކުނި އުކާލާ ޝޫޓް ހިމެނޭ ގޮތަށް ފަރުމާކުރެވުނު ތަންތަންކަން މެންބަރު ވަނީ ފާހަގަކުރައްވައިފަ އެވެ.
މިނިސްޓަރަށް ފޮނުވި ސުވާލުގައި، މިހާރު ކަންތައްތައް ހުރިގޮތުން ގޭބިސީތަކުން އުފެދޭ ކުނިތައް ތިރިއަށް ގެންދަން ޖެހެނީ ލިފްޓުތައް މެދުވެރިކޮށްކަން ވަނީ ފާހަގަކޮށްފަ އެވެ. މިކަމުގެ ސަބަބުން ލިފްޓުގައި ދަތުރުކުރާ އެހެން ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން، މިއީ ސާފުތާހިރުކަމުގެ ގޮތުންނާއި ސިއްހީ ގޮތުން ބަލާއިރު ވެސް އެންމެ އެދެވޭ ގޮތެއް ނޫން ކަމަށް ބުނެފައިވެ އެވެ. ގިނަ ބަޔަކު ދިރިއުޅޭ މިފަދަ އިމާރާތްތަކުގައި ކުނި އުފުލުމަށް ލިފްޓު ބޭނުންކުރަން ޖެހުމަކީ ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
މިދިޔަ ސަރުކާރުން މި ފްލެޓުތައް ފަރުމާކޮށްފައި ވަނީ ކުނި އުކާލުމަށް ހާއްސަ ގާބޭޖް ޝޫޓް ހަރުކުރާ ގޮތަށެވެ. އެގޮތުން ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު، ނަމޫނާ އެޕާޓުމެންޓުތައް ނޫސްވެރިންނަށް ދައްކާލި އިރު ވެސް ޝޫޓް ހަރުކުރަން ހަމަޖެހިފައިވާ ގޮޅިތައް ފެންނަން ހުރިކަން އެނގިފައިވެ އެވެ. ނަމަވެސް، ފަހުން އެ މަސައްކަތް އެގޮތަށް ކުރިއަށް ނުގެންދިއުމުގެ ސަބަބުން މިހާރު މި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް މިވަނީ ފަށައިފަ އެވެ.
އާ ކައިވެންޏާ ބެހޭ ގޮތުން އާމިރު ވާހަކަ ދައްކައިފި
ސިނގިރޭޓުން ޑިއުޓީ ކުޑަކުރަނީ ވައްކަންކޮށް ނިމުމުން: އިދިކޮޅު
ބީއެމްއެލް އިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި
