ކޮވިޑް-19 ޖެހިގެން ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.
މި ބަލީގައި މިއަދު ފުރަތަމަ މަރުވީ 75 އަހަރުގެ އަންހެނެކެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ މީހާ މަރުވީ ހާލު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު 4:00 ހާއިރު އެވެ.
އެ ބަލީގައި މިއަދު ދެވަނައަށް މަރުވީ ބ. އޭދަފުށީ މީހެކެވެ.
އެ ރަށުން މަރުވީ 85 އަހަރުގެ ފިރިހެނެކެވެ. އެ މިހާ ދިރިއުޅުމުން ދިޔަ ގެއިން ކޮވިޑް ކޭހެއް ފެނިގެން އެ ގެ ވަނީ މޮނީޓަރިންނަށް ލާފަ އެވެ. އަދި އެ މީހާ މިއަދު ހެނދުނު މަރުވެގެން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ހެދިއިރު އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
މީއީ އެ އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެގެން މަރުވި ދެ ވަނަ މީހާ އެވެ. އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އެވެ. އެއީ ތުޅާދޫގައި ހޯމްކަރަންޓީންގައި ހުރި 59 އަހަރުގެ ފިރިހެނެކެވެ.
އޭދަފުށިން މިދިޔަ މަހުގެ 19 ވަނަ ދުވަހު ކޮވިޑް ކޭސްތަކެއް ފެނުމަށްފަހު މިހާރު އެ ރަށުން 193 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
އެ ދެ މަރާއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 86އަށް އަރާފަ އެވެ. މިހާތަނަށް އައިއިރު މި ބަލީގައި މަރުވެފައި ވަނީ 73 ދިވެހިންނާ، 13 ބިދޭސީންނެވެ.
ފާއިތުވި ހަތަރު ދުވަސްތެރޭ ރާއްޖެއިން މި ބަލީގައި 11 މީހުން ވަނީ މަރުވެފަ އެވެ. އިއްޔެ ވެސް މިބަލީގައި މީހަކު މަރުވި އެވެ.