މަނީ ޕްލާންޓަ ގަހަކީ ގެއިން ބޭރުގައި ހާމަތަނެއްގައި ވެސް ނުވަތަ ގޭތެރޭގައި އަދި އޮފީސް މާހައުލުގައި ވެސް ހައްދާލަން ފަސޭހަ ގަހެކެވެ. ބަގީޗާއަށް އިތުރު ފުރިހަމަ ކަމެއް މިގަހުން ގެނުވައި ދެ އެވެ. ހިޔަލުގައި ހައްދާލަން ފަސޭހަ ވައި ސާފު ކޮށްދޭ ވެލެކެވެ. މަނީ ޕްލާންޓްގެ ތަފާތު ވައްތަރުތައް ޕޮޓްތަކުގައާއި އަދި ފެނުގައި ހައްދާލެވެ އެވެ. އެހެން ނަމަވެސް ފަތްބޮޑެތި މަނީ ޕްލާންޓް އާމުކޮށް ހައްދާފައި ނުވަތަ ހެދިފައި ހުންނަތަން ފެންނަނީ ބޮޑެތި ހިޔާ ލިބިދޭ ގަސްގަހުގެ ނިވަލުގަ އެވެ.
އެހެން ނަމަވެސް މި ވައްތަރުގެ ބިޔަ މަނީ ޕްލާންޓް ގޭތެރޭގައި ހެއްދުމަކީ އުނދަގޫ ކަމެއް ނޫނެވެ. ކުރަންޖެހޭ ހާ ވެސް ކަމަކީ އާންމުކޮށް ހެދޭ މާހައުލާ އެއްފަދަ ގުދުރަތީ މާހައުލެއް އެ ގަހަށް ގާއިމުކޮށް ދިނުމެވެ. މަނީ ޕްލާންޓް ވެޔޮގެ ބޮޑެތި މޫތައް މައްޗަށް އަރާއިރު ތެތްކަމާއި ކާނާއާއި، އަދި ގަދަ އަވި ނުޖެހޭނެ ގޮތަކަށް ބަހައްޓައި ގަވައިދުން ފެންދެމުން ހެއްދުމެވެ.
ގަހުގެ މޫތައް ތައްކޮށްލާ ދަނޑިކޮޅު ތެތްކޮށްފައި ބެހެއްޓުމަކީ ފަތް ބޮޑެތިވުމަށް އެހީވެދޭ ކަމެކެވެ. ހަމައެފަދައިން އަލި ލިބޭ ނަމަވެސް ފަތްތައް ބޮޑުވުމަށް އެހީވެދެ އެވެ. ނަމަވެސް ގަދައަވި ލިބޭ ނަމަ ފަތްތަކަށް ހޫނުވެ އަނދަން ފަށާނެ އެވެ.
ގަހުގެ މޫތައް މައްޗަށް އަރަމުން ދާއިރު ތަތްކޮށްލުމަށްޓަކައި، އޮމާން ނޫން ދަނޑިއެއް ނުވަތަ އޮފިގަނޑެއް ވެސް ހުރުން މުހިންމެވެ. ދަނޑިއެއް ނަމަ، ރޯނު ފުރާލާފައި ހުރުމުން މޫތަކަށް އޮޅިލަން ފަސޭހަވާނެ އެވެ. ވެޔޮއިން ފަތްފަޅައި ކުރިލަމުން ދާއިރު ދަނޑީގައި ވެޔޮ އައްސަމުން ދިއުމުން ސީދަލަށް މައްޗަށް ހެދޭނެ އެވެ.
މިފަދަ މަނީ ޕްލާންޓްތަކުގެ މޫތައް މާފުނަށް ދަތުރު ނުކުރާތީ ކުރި އިންދަން އެންމެ ރަނގަޅުވާނީ މާބޮޑު ނޫން ޕޮޓެއްގަ އެވެ. އެއީ ޕޮޓް މާފުންނަމަ، ވެލިގަނޑުގައި ތެތްކަން ހިފަހައްޓައި މޫތައް ފީވާން މެދުވެރި ވާތީ އެވެ.
މޫތައް ތަތްކޮށްލެވިފައިވާ އޮފިގަނޑު އަބަދުވެސް ތެތްކޮށް ބެހެއްޓުމުން މޫތަކުން ފެން ދަމާ ބޮޑެތި ފަތް އުފެދެން ފަށާނެ އެވެ. ވެލަށް ފެންދޭނީ ވެލިގަނޑުގެ މަތީ ފަށަލަ ހިކިގެން ދިއުމުންނެވެ. ފެން ހަރުލާނަމަ، މޫތައް މަރުވުމުގެ ސަބަބުން ގަސް ހެދުން ހުއްޓި ދެ އެވެ.
ގަހަށް ކާނާ އަޅާނީ ކޮންމެ ދެ ހަފަތާއިން ނުވަތަ ތިން ހަފްތާ އިންނެވެ. ގަސްކާނާ ރަނގަޅަށް މޫތަކަށް ފޯރާނަމަ، ބޮޑެތި ފަތް އުފެދެ އެވެ.
ފަތްބޮޑު މަނީ ޕްލާންޓަކީ ބޭރުގެ އިތުރުން ގޭތެރޭގައި ވެސް ފަސޭހައިން ހެއްދިދާނެ ވަރަށް ނަލަ ވެޔޮގަނޑެކެވެ. ތިލަ ޕޮޓެއްގައި އިންދުމަށް ފަހު ކުރިލައި ހެދެން ފެށުމުން މައްޗަށް އެރުވުމަށްޓަކައި އޮމާން ނޫން ދަނޑިއެއް ތެތްކޮށްފައި ބެހެއްޓުމުން ބޮޑެތި ފަތް އުފެދުމަށް އެހީއަކަށް ވެ އެވެ.