ހަމާސް ޖަމާއަތާއި އިސްރާއީލު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގެ ތެރެއިން އިޒްރޭލު ސިފައިން މިރޭ ދިން ރޮކެޓް ހަމަލާއެއްގައި މަސްޖިދުލް އަގްސާ ސަރަހައްދުގައި ރޯވެއްޖެ އެވެ.
މިސްކިތުގައި އަލިފާންގަނޑު ރޯވީ އިޒްރޭލުގެ ސިފައިން ފަލަސްތީނަށް ފޮނުވާލި ރޮކެޓް ހަމަލާއެއް މިސްކިތުގެ ބަޔަކަށް އަމާޒު ވެގެންނެވެ. މި އަލިފާންގަނޑު ބޮޑުކަމުން ދާރުއްސަލާމުގެ އެކި ހިސާބުތަކަށް ފެންނަށް ހުރިކަމަށް ރިޕޯޓްތައް ބުނެ އެވެ.
މުސްލިމުންގެ ތިންވަނަ ހަރަމް ކަމަށްވާ މަސްޖިދުލް އަގްސާއަށް އަމާޒުކޮށް ދިން ހަމަލާގައި މިސްކިތުގައި އަޅުކަންކުރަން ތިބި 331 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވި ކަމަށްވެ އެވެ. މި ހަމަލާގައި މިސްކިތަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ރޮއިޓާސް އިން ދެންމެ ބުންޏެވެ.
ރޮއިޓާސް އިން ބުނީ އިޒްރޭލުން ފޮނުވާލި ރޮކެޓެއް ވެއްޓި ރޯވީ އަގްސާ މިސްކިތާ ދިހަ ވަރަކަށް މީޓަރު ދުރުގައި ހުރި ގަހެއްގައި ކަމަށެވެ. އަދި އެ ރޮކެޓް ވެއްޓުމާއެކު އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރުނު ކަމަށް އެ ނިއުސް އެޖެންސީން ބުންޏެވެ.
އިޒްރޭލުގެ ސިފައިންނާއި ހަމާސް ޖަމާއަތާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ފެށުނީ ހަމާސް ޖަމާއަތުން އިޒްރޭލަށް ފޮނުވި ރޮކެޓް ހަމަލާތަކަކަށް ފަހު ކަމަށްވެ އެވެ. އެއާއެކު އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ވެސް ވަނީ ޣައްޒާއަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފަ އެވެ.
މި ހަމަލާ ބަދަލުކުރުންތަކުގައި މިހާތަނަށް ފަލަސްތީނުގެ 20 އާއްމުން މަރުވެފައިވާއިރު މި އަދަދުތައް އިތުރަށް މައްޗަށް ހިނގައިދާނެ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުންޏެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ މި ހަމަލާ ބަދަލުކުރުންތައް ކުށްވެރިކޮށް އިސްރާއީލްގެ އަމަލުތަކާމެދު ނުރުހުން ފާޅުކޮށްފަ އެވެ. މީގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ތުރުކީ ވެސް ހިމެނެ އެވެ.