ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ރާއްޖޭގައި އުޅެނިކޮށް ހިފެހެއްޓުމަށް ފަހު ސްރީ ލަންކާއާ ހަވާލުކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު ކޮލަމްބޯއާ 12 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އަކުރެގޮޑާ ސަރަހައްދުގެ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި، ކާރެއްގެ ތެރޭގައި ތިއްބާ އެ ދެމަފިރިންނަށް ބަޑިން ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން ލަންކާ ފުލުހުން ހޯދަމުން ދިޔައީ އެތުކަންދުރާ އަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނެކެވެ. އޭނާއަކީ އެ ހަމަލާ ދިން މީހުންނަށް ދަތުރުފަތުރުގެ ކަންކަން ރޭވުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ.
ރާއްޖެއިން ފޮނުވާލުމާ އެކު، ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރުން ވަނީ ހުކުރު ދުވަހު އޭނާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބިތަނުން ހައްޔަރުކޮށް، ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ އިތުރަށް ތަހުގީގު ކުރުމަށް ހަވާލުކޮށްފަ އެވެ.
މި ހާދިސާ ހިނގި ގޮތުގެ ތަފްސީލީ މައުލޫމާތު ދިވެހި ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ހަމައެއާއެކު ހައްޔަރުކުރި މީހާގެ ކުށުގެ ރެކޯޑަށް ބަލާއިރު އޭނާއަކީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު އަދި ޑިސެމްބަރު މަހު ވެސް މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހައްޔަރުކޮށް، ކޯޓުން ޖޫރިމަނާކޮށްފައިވާ މީހެކެވެ.
ލަންކާގައި ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، ވާދަވެރި ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ބަޑިޖެހުމުގެ ވިއްސަކަށް ހާދިސާ ހިނގައި އެތައް ބަޔަކު މަރުވެފައި ވާއިރު، ލަންކާ ފުލުހުން ބުނާ ގޮތުގައި އެ ގައުމުގައި 1,400 އެއްހާ މީހުން ހިމެނޭ 57 ގޭންގެއް މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
"އެއާޕޯޓު ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ"
ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުން ލޮލުގެ ފެނުމަށް އަސަރު ކުރޭ!
ޝުޖާއު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދަން ގޮވާލައްވައިފި