އިނގިރޭސިވިލާތުގެ ޕްރިންސެސް އޮފް ވޭލްސް، ކޭޓް މިޑްލްޓަން އޭނާގެ ފިރިމީހާ ޕްރިންސް ވިލިއަމް އަދި ތިން ދަރިންނާއެކު ނަގާފައިވާ އުފާވެރި އާއިލީ ފޮޓޯތަކެއް ދާދިފަހުން އިންސްޓަގްރާމްގައި ހިއްސާކޮށްފިއެވެ.
މި ފޮޓޯތަކުން އެންމެ ބޮޑަށް އާންމުންގެ ސަމާލުކަން ދަމައިގަތީ، އެމީހުންގެ އެންމެ ދޮށީ ދަރިފުޅު ޕްރިންސް ޖޯޖް (12 އަހަރު) ކުރިއަށްވުރެ މާ ބޮޑަށް ދިގުވެ، އޭނާގެ މަންމަ ކޭޓްއާ އެއް އިސްކޮޅަކަށް އަރާފައި ހުރުމުންނެވެ.
ކޭޓް މި ފޮޓޯތައް ހިއްސާކުރީ އިނގިރޭސި ވިލާތުގެ ކެންސަރު ޗެރިޓީއެއް ކަމަށްވާ "ދަ ރޯޔަލް މާސްޑަން ކެންސަރު ޗެރިޓީ" އަށް ފައިސާ ހޯދުމަށްޓަކައި އޭނާ ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށްވާ "ނޭޝަނަލް ތުރީ ޕީކްސް ޗެލެންޖް" ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު އެވެ.
ކޭޓް ކެންސަރު ބަލިން ފަސޭހަވެ، ރެމިޝަންގައި ހުރިކަން އިއުލާންކުރި ފަހުން ކުރިއަށްގެންދިޔަ މި ހަރަކާތް ނިންމި ވަގުތު އޭނާއަށް ހިތްވަރުދޭން މުޅި އާއިލާ އެތަނަށް ދިޔަ އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއެއްގައި ކޭޓް އޭނާގެ ދޮށީ ދަރިފުޅު ޖޯޖްގެ ކޮނޑުގައި ހިފާލައިގެން ހުންނައިރު، ޖޯޖް ހުރީ ސީދާ އޭނާގެ މަންމަގެ ލޮލާ ހަމައަށް ދިގުވެފައެވެ. އަދި ފަހަތުން ނަގާފައިވާ އެހެން ފޮޓޯއަކުން ފެންނަ ގޮތުގައި، އަދި 13 އަހަރު ނުފުރޭ ޖޯޖްގެ އިސްކޮޅު މިހާރު ހުރީ ކޭޓްއާ ދާދި އެއްވަރެއްގަ އެވެ.
މިކަމާ ގުޅިގެން ރޯޔަލް ފޭނުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ ޖޯޖް ވަރަށް އަވަހަށް އޭނާގެ ބައްޕަ ޕްރިންސް ވިލިއަމް (އިސްކޮޅުގައި 6 ފޫޓު 3 އިންޗި ހުންނަ) އާ އެއްވަރު ކުރާނެ ކަމަށެވެ.
އާއިލާގެ ބަދަހި ގުޅުން އިތުރު ފޮޓޯތަކުން ފެންނަ ގޮތުގައި ކޭޓްގެ ފިރިމީހާ ވިލިއަމް (44 އަހަރު) އާއި، ޕްރިންސެސް ޗާލޮޓް (11 އަހަރު) އަދި އެންމެ ހަގު ޕްރިންސް ލުއީސް (8 އަހަރު) ވެސް ކޭޓް އާއެކު ވަރަށް އުފާވެރި މާހައުލެއްގައި އުޅެ އެވެ.
މީގެ އިތުރުން ކޭޓްގެ މައިންބަފައިން ކަމަށްވާ ކެރޯލް އަދި މައިކަލް މިޑްލްޓަންގެ އިތުރުން އޭނާގެ ކޮއްކޮ ޖޭމްސް މިޑްލްޓަން ވެސް މި ކާމިޔާބީ ފާހަގަކުރުމުގައި ބައިވެރިވި އެވެ.
"މިއީ ހަމައެކަނި ޖިސްމާނީ ގޮންޖެހުމެއް ނޫން. މިއީ ބަލި ދެނެގަނެވުނު ހިސާބުން ފެށިގެން ދިރިއުޅުން އާ މިސްރާބަކަށް ގެންގޮސް، އަހަންނަށް އެހީތެރިވެދިން ހޮސްޕިޓަލަށް ކޮންމެވެސް އެއްޗެއް ހަދިޔާކުރަން ލިބުނު ފުރުސަތެއް،" ކޭޓް އޭނާގެ މެސެޖުގައި ލިޔެފައިވެ އެވެ.
މި އާއިލީ ފޮޓޯތަކުން ދައްކުވައިދެނީ، ކޭޓްގެ ސިއްހީ ދަތުރުގައި އޭނާގެ އާއިލާއިން ދޭ ސަޕޯޓާއި، ހާއްސަކޮށް ޝާހީ ގަނޑުވަރުގެ ކުދިން ދުވަހުން ދުވަހަށް ބޮޑެތި ވަމުން އަންނަ ގޮތުގެ ރީތި މަންޒަރެކެވެ.
ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 20 މީހުން މަރު
ދިރާގުޕޭއިން ބިލް ދައްކައިގެން ބާލީއަށް ދިއުމުގެ ފުރުސަތު
ކަރަންއާއި ރަންބީރު އަހަންނާ ޖައްސާލައިގެން އުޅުނު: ރަންވީރު