ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނުމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ބުނާ އަދުހަމް އަހްމަދު ރަޝީދު ހައްޔަރު ކުރި ވަގުތު އޭނާ ދިރިއުޅޭ ގޭގައި "ނީލް ޑައުން" މައްޗަށް ތިރިކޮށްފައި ވަނިކޮށް ފެންނަ ފޮޓޯއެއް އާންމުވެފައިވާތީ އެ ފޮޓޯ އާންމުވި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އަދުހަމް ހައްޔަރު ކުރި ވަގުތު އޭނާ ދިރިއުޅޭ ގޭގައި ނީލް ޑައުން ނުވަތަ ކުޑަކަކޫ މައްޗަށް ތިރިކޮށްފައިވަނިކޮށް ފެންނަ ފޮޓޯ އާންމުވެފައިވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އެއީ ފުލުހުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ އެ ފޮޓޯ އާންމުވެފައިވާކަން ފުލުހުންނަށް ވެސް އެނގިފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ. އެއީ ފުލުހުން ނެގި ފޮޓޯއެއްތޯ ނުވަތަ އެހެން މީހަކު ނެގި ފޮޓޯއެއްތޯ ބަލާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދުހަމް ހައްޔަރުކުރީ އޭނާ ހުޅުމާލޭގައި ދިރިއުޅޭ ފްލެޓުން ކަމަށާ އެއީ އެހެން މީހުން ވެސް ތިބި ތަނެއް ކަމުން އެ ފޮޓޯ އެެހެން ގޮތަކުން ވެސް އާންމުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަދި ވިދާޅުވީ ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ވަކި މީޑިއާއަކަށް ފޮޓޯ އާއި އެހެނިހެން މައުލޫމާތު ފުލުހުން ނުދޭނެ ކަމަށާ މެއި ހައެއްގެ ހަމަލާއާ ގުޅިގެން ހިނގާ ތަހުގީގުގެ މައުލޫމާތު ހުރިހާ މީޑިއާތަކަށް ހަމަހަމަކޮށް ފޯރުކޮށްދެމުންދާ ކަމަށެވެ.

ބޮން ގޮއްވާލުމުގައި އިސްކޮށް އުޅުނު އަދުހަމް ހައްޔަރު ކުރުމަށް ފަހު އެކަމުގެ މައުލޫމާތު ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އޭނާ ހައްޔަރުކުރި ވަގުތު ތުނބުޅި ކޮށާލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭނާގެ ބޮލުގެ އިސްތަށިގަނޑު ތުނިކުރަން މަސައްކަތް ކޮށްފައިވާކަން ވެސް އެގޭ ކަމަށެވެ. އެކަން ކުރީ ސިފަ ބަދަލުކުރަން ކަމަށް ހަމީދު ވިދާޅުވި އެވެ.