2026 ވަނަ އަހަރުގެ ފީފާ ވާލްޑް ކަޕް ފޯރީގައި ކުރިއަށްދާއިރު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ވަނީ މި މުބާރާތުގައި ނިންމަމުންދާ ބައެއް ނިންމުންތަކާމެދު ކަންބޮޑުވެ ހިތް ހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އަމީތާބް އޭނާގެ ބްލޮގްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މެޗުތައް ބެލުމުގައި ވަގުތުތައް އޮޅި، ދުވަހުގެ ތާވަލަށް ބުރޫ އަރާފައިވާ ކަމަށެވެ.

އެއާއެކު މެޗުތަކުގެ ތެރޭގައި އެއް ޓީމަކަށް އިންސާފުވެރިވެފައި އަނެއް ޓީމަކަށް ނުޙައްޤުން ނިންމުންތައް ނިންމާތަން ފެނުމުން އިންތިހާއަށް ދެރަވާ ކަމަށް އޭނާ ފާހަގަކުރި އެވެ.

"ކޮންމެ މެޗެއްގައިވެސް ބުނެއުޅޭ 'އެންމެ މޮޅު ޓީމު ކާމިޔާބު ކުރާށޭ'. ނަމަވެސް މެޗުގެ ނަތީޖާ ނުކުންނަންދެން އެންމެ މޮޅު ޓީމަކީ ކޮބައިކަމެއް އަހަރެމެންނަކަށް ނޭނގޭ،" އަމީތާބް ލިޔެފައިވެ އެވެ.

މީގެ އިތުރުން، ކުރިން ވާލްޑް ކަޕަށް ކޮލިފައިވާނެ ކަމަށް ހީވެސް ނުކުރާ ކުދި އަދި އާ ގައުމުތަކުން ދައްކަމުންދާ މޮޅު ކުޅުމާއި ހިތްވަރަށް އޭނާ ވަނީ ތައުރީފު ކޮށްފަ އެވެ.

ހަމަ އެހެންމެ ފުޓުބޯޅައިގެ ބޮޑެތި، މަޝްހޫރު ގައުމުތައް މުބާރާތުން ކެޓުމަކީ ހައިރާން ކުރުވަނިވި ކަމެއް ނަމަވެސް، ކުދި ގައުމުތަކަށް ލިބެމުންދާ ކުރިއެރުމާމެދު އުފާކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ކުޅުންތެރިންގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަމުން އަމީތާބް އަޅާ ކިޔާފައިވަނީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)އާ އެވެ. އޭނާ ފާހަގަކުރި ގޮތުގައި ތަފާތު ކްލަބްތަކާއި ލީގުތަކުގައި އެކުގައި ކުޅޭ ކުޅުންތެރިން، ގައުމީ ޓީމަށް ކުޅޭއިރު އެކަކު އަނެކަކާ ދެކޮޅަށް ވާދަކުރަން ޖެހުމަކީ ހާއްސަ ކަމެކެވެ.

ދަނޑުން ބޭރުގައި އެކުވެރިންގެ ގޮތުގައި ތިބި ނަމަވެސް، ދަނޑުމަތީގައި ގައުމުގެ ރޫހުގައި ވާދަ ކުރުމަކީ ކުޅުންތެރިންގެ ކިބައިގައި ހުންނަން ޖެހޭ މުހިންމު ސިފައެއް ކަމަށް އޭނާ ބުންޏެވެ.

ވާލްޑް ކަޕުގެ ފޯރި ގަދަވަމުން ދާއިރު، އަމީތާބް އަންނަނީ ގަވާއިދުން މެޗުތައް ބަލައި، އެ މެޗުތަކާ މެދު އޭނާގެ ހިޔާލުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.