ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެނިއްޖެ ހާލަތެއްގައި ކޯޓުތަކުގެ އިސް ފަނޑިޔާރުން އެ މަގާމުން ވަކިކުރެވޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފި އެވެ.
ޖޭއެސްސީން މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަންކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުން، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި އިސް ފަނޑިޔާރަކު މަގާމުން ދުރުކުރަން ޖެހޭ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ބާރު މިހާރު ޖޭއެސްސީއަށް ލިބިގެންވެއެވެ.
މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުތަކަށް ބަލާއިރު، އިސް ފަނޑިޔާރުން މަގާމުން ވަކިކުރެވޭނެ ސީދާ ގޮތްތަކެއް ކަނޑައެޅިފައެއް ނޯވެއެވެ. މީގެ ކުރިން އިސް ފަނޑިޔާރަކު މަގާމުން ވަކިވަނީ އެ ބޭފުޅަކު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމުން ނުވަތަ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ. ނަމަވެސް އާ ގަވާއިދާއެކު، ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ނަމަވެސް، އިސް ފަނޑިޔާރު ކަމުގެ އިދާރީ މަގާމުން ވަކިކުރުމުގެ އިހްތިޔާރު ޖޭއެސްސީއަށް މިވަނީ ލިބިފަ އެވެ.
މި ގަވާއިދުގައިވާ ގޮތުން އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖޭއެސްސީންނެވެ. އަދި އެ މަގާމަށް ކުރިމަތިލައްވާ ފަނޑިޔާރުންނާ އިންޓަވިއުކުރުމަށްފަހު، މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އައިކޮމްގެ ވާޖިބަށް ހުރަސް އެޅުމުން ރައީސް އޮފީސް ޖޫރިމަނާކޮށްފި
އެމްބާޕޭ ފިޓު، ސެމީގައި ފެންނާނެ: ޑެޝޯމްޕްސް