ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން ވަގަށް ނެގި ފައިސާ މަންފާވި ކަމަށް ތުހުމަތުކޮށް އެކުލަވާލާފައިވާ ލިސްޓު އާއްމުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ގޮތަށް ކަމަށާއި އެ ރިޕޯޓުގައި އޮތް ނަމަކަށް އުނި އިތުރު ކަމެއް ގެނެސްފައި ނުވާނެކަމުގެ ޔަގީންކަން މައްސަލަ ދިރާސާކުރާ ޖޮއިންޓް ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) ދެއްވައިފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ރިޕޯޓު ފޮނުވުން ފުރަތަމަ ނިންމެވީ ލިސްޓު ސިއްރު ކުރާށެވެ. ނަމަވެސް އާންމުގެ ފާޑުކިޔުން އަމާޒުވުމުން ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޕޯޓާ އެކު ލިސްޓް އާންމުކުރަން ވަނީ ނިންމައިފަ އެވެ. އާއްމުކުރަން ނިންމީ މުޅި ލިސްޓާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވަކިންނެވެ. ދައުލަތުގެ މަގާމްތަކުގައި ތިބި 119 މީހެއްގެ ނަން ލިސްޓުގައި އެބައޮތެވެ. މި މީހުންގެ މައްސަލަތަކަށް އިސްކަންދީގެން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ކޮމިޝަންގެ އަސްލު ލިސްޓަށް ބަދަލު ގެނެސްފައިވާ ކަމަށް މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި އަސްލު ލިސްޓުގެ ނަމުގައި ބައެއް މީޑިއާތަކުން ރޭ ލިސްޓުތަކެއް ރިޕޯޓްކޮށްފައި ވިޔަސް އޭގައި މައުލޫމާތު ސައްހަ ނޫން ކަމަށް މިއަދު ކޮމިޓީއިން ވަނީ ބުނެފަ އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ލިސްޓު އާއްމުކުރުން މުހިއްމު ކަމަށާއި އެ ލިސްޓު އޮތީ އެސެޓް ރިކަވަރީން ފޮނުވި ގޮތަށް ކަމަށާއި އެއްވެސް ނަމަކަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

ހިސާންގެ އިތުރުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވި ގޮތުގައި ސިއްރު ޖަހާފައި އޮތް ލިސްޓު ހާމަކުރީ އެންމެ މަސްލަހަތު ބޮޑު ގޮތަކީ އަދި ރައްޔިތުން އެދޭ ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ. އަދި އެކަމުގައި އެސެޓް ރިކަވަރީ ކޮމިޝަންގެ ވެސް އިއުތިރާޒެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ، ކޮރަޕްޝަންގެ ލިސްޓުގައިި ދައުލަތުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭއިރުމ އެންމެ ރަނގަޅު ގޮތަކީ އެ ބޭފުޅުން އަމިއްލައަށް އިސްތިއުފާ ދިނުން ނުވަތަ އަވަހަށް އިދާރާތަކުން މައްސަލަތައް ބަލައި ގޮތެއް ނިންމުން ކަމަަށެވެ.

ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުް ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަންގައި އާއްމުކުރި ގޮތުގައި ލިސްޓުގައި ހިމެނެނީ 267 ނަމެކެވެ. އެކަމަކު މި ފަހުން މަޖިލީހަށް ފޮނުވި ލިސްޓަށް 14 ނަން އިތުރުވެ 281 ނަމެއް އެބައޮތެވެ.