މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލް އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގު އެވެ. އަދި ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.
އެމްޕީއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ މުދާ އުފުލާ ކޮންޓޭނަރު ބޯޓުފަހަރަށް ޚާއްސަ، 14.6 މީޓަރު ފުން މިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ހާއްސަ 5 މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ- ވޯލްއެއް ހެދުން ހިމެނޭ ކަމަށެވެ.
މި މަސައްކަތް ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް އަދި އެ މަޝްރޫއުގެ އަގެއް އެމްޕީއެލް އިން ވަނީ ސިއްރުކޮށްފަ އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ތިލަފުށީ ބަނދަރުގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށް ވުރެ ހަލުވި އަދި ފަސޭހަނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގެ ބަނދަރު ހެދުމަށް ގާބިލް ކުންފުންޏެއް ކަމަށްވާ، ސީއެޗްއީސީ އާއެކު ވެވުނު މި އެއްބަސްވުމަކީ ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 11 ނޮވެމްބަރު 2027ގެ ނިޔަލަށް، ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ ޖޫން މަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ. އެގޮތުން 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި، 3 ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުން ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެމްޕީއެލް އިން ބުނީ މި މަޝްރޫއު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1،000 މީޓަރަށް ވުރެ ދިގު ބައިނަލްއަގްވާމީ ކީ-ވޯލްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަކޮށްގެން 2،000 މީޓަރަށް ވުރެ ދިގު ކީ-ވޯލް ހިމެނޭ ގޮތަށް ޑޮމެސްޓިކް ޓާމިނަލްއެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
"ދަ އޮޑިސީ"ގެ ކާމިޔާބަށްފަހު ކްރިސްޓޮފާ 3 އަހަރުގެ ބްރޭކް އަކަށް!
ބާންހަމް އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި
ވޯލްޑް ކަޕްގެ ރަންބޫޓު ދެ ފަހަރު ހޯދި ކުޅުންތެރިޔަކަށް އެމްބާޕޭ
