ކުޑަކުދިންގެ އަދުލުގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރަމުން ނުދާތީ، ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

މީގެ ހަތް އަހަރު ކުރިން 2019 ވަނަ އަހަރު ވުޖޫދަށް އައި ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ، ކުށްކުރާ ކުޑަކުދިން ޖަވާބުދާރީކުރުވައި، އެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، މުޖުތަމައަށް އަނބުރާ ނެރުމަށް ބާރުއަޅާ މުހިންމު ގާނޫނެކެވެ. ނަމަވެސް މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ މުހިންމު ކަންތައްތަކެއް އަދިވެސް ނުކުރެވި ހުރިކަން، މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވެ އެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ، ގާނޫނުގައި ލާޒިމުކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ލަސްވަމުންދާ ކެމެވެ. އެ ސެންޓަރު ގާއިމުކުރެވޭނެ ވަކި ތާރީހެއް ހޯދުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން، ކުށްކުރާ ކުދިން ޝަރީއަތަށް ފޮނުވުމުގެ ބަދަލުގައި އެ ކުދިން މުޖުތަމައަށް އަހުލުވެރިކުރުވުމަށް ހިންގަންޖެހޭ ޑައިވާޝަން ޕްރޮގްރާމްތައް ކުރިއަށް ނުދާ ސަބަބު އޮޅުންފިލުވުމަށްވެސް މި ހުށަހެޅުމުގައި އެދިފައިވެ އެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ މައިގަނޑު ބެލެނިވެރިކަން ހޯމް މިނިސްޓްރީއަށް އޮތް ނަމަވެސް، މި ގާނޫނު ތަންފީޒުކުރުމުގައި ހެލްތު މިނިސްޓްރީގެ ދައުރުވެސް ވަރަށް ބޮޑެވެ. ހުށަހެޅިފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް ވިލަރެސްކުރުމުގައި ބޮޑެތި ލަސްތަކެއް އެބަހުއްޓެވެ. ހަމައެއާއެކު، ކުޑަކުދިންގެ ނާޖާއިޒު މަންފާ ނަގާ މީހުންނާ ދެކޮޅަށް ރާއްޖޭގައި އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭކަމަށާއި، އޭގެ ސަބަބުން ކުށްކުރާ ކުދިންގެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ލިބެމުން ނުދާކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.