ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލުތައް އެއްގޮތްކޮށް، އެކަމަށް ހާއްސަ ސާކިއުލާއެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރެފި އެވެ.

ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށް މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަންނަ އޮގަސްޓު އެކަކުން ފެށިގެން އަމަލުކުރަން އަންގާފައިވާ މި އުސޫލުގައިވާ ގޮތުން، އިތުރު ގަޑީގެ ފައިސާ ދެވޭނީ ރަސްމީ ގަޑީގެ އިތުރުން ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތުތަކަށް އެކަންޏެވެ. އަދި ކުންފުނިތަކުން މިހާރު އަމަލުކުރާ އުސޫލާއި އާ މިންގަނޑު އަޅާބަލައި، ހަރަދު އެންމެ ކުޑަވާ ގޮތަކަށް އުސޫލުތައް ބަދަލުކޮށް، އިތުރު ގަޑީގެ ފައިސާ ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައެޅުން ވަނީ ލާޒިމުކޮށްފަ އެވެ.

މި ސާކިއުލާ ނެރެފައި ވަނީ ކުރިން ބައެއް ކުންފުނިތަކުގައި ވަކި މިންގަނޑެއް ނެތި އިތުރު ގަޑީގެ ފައިސާ ދެމުން ދިއުމާއި، ރަސްމީ ގަޑީގައި މަސައްކަތް ނުނިންމައި އިތުރު ގަޑީގެ ފައިސާ ހޯދަން މަސައްކަތް ލަސްކުރުމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ.

މީގެ އިތުރުން ސިޔާސީ ނުފޫޒުން އިތުރަށް ނަގާފައިވާ މުވައްޒަފުންނަށް ކޮންޓްރޯލެއް ނެތި އިތުރު ގަޑީގެ ފައިސާ ދިނުމަކީ ކުންފުނިތައް މާލީ ގޮތުން އަޑިއަށް ދިޔަ ސަބަބެއް ކަމަށް އޮޑިޓް ރިޕޯޓުތަކުން ފާހަގަކޮށްފައި ވާއިރު، ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ މިއީ ހިންގުން ހަރުދަނާކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ފިޔަވަޅަކީ ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ފުޅާ ދާއިރާއެއްގައި ފަށާފައިވާ މަސައްކަތުގެ ބައެކެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައި ވާއިރު، ފެނަކައާއި އެޗްޑީސީ ފަދަ ތަންތަނުން އަންނަނީ އަމިއްލައަށް ވަކިވާ މުވައްޒަފުންނަށް ހާއްސަ ޕެކޭޖުތަކެއް ދެމުންނެވެ. އާ ވަޒީފާތައް އުފެއްދުން މަޑުޖައްސާލުމާއެކު އިތުރު ގަޑީގެ ހަރަދު ކޮންޓްރޯލްކުރަން ޕީސީބީން އެންގި އުސޫލުތަކަށް ބަދަލުު ގެނެސް، މި މަހުގެ 30 ގެ ކުރިން އެކަން ފުރިހަމަކުރަން ވަނީ އަންގާފަ އެވެ.