ގދ. ތިނަދު އާއި ފ. ނިލަންދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެ ދެ ރަށުގައި ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ވަނީ މާދަމާ އިން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެ ދެ ރަށުގައި ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށެވެ.

އެ ދެ ރަށުގައި މަގުމައްޗަށާއި އާންމު ތަންތަނަށް އެފަހަރާ، ތިންމީހުންނަށްވުރެ ގިނައިން ނިކުމެ އުޅުމާއި އެއްވެ އުޅުން މަނާކޮށްފައިވާއިރު، ޖިމްތަކާއި ސެލޫންތައް އަދި ކަސްރަތާއި ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށްވެސް ވަނީ އަންގައިފަ އެވެ.

މީގެއިތުރުން އެ ދެ ރަށުގެ ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ދެވޭނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް އެކަނި ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.

ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ލ. ގަން، އދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު. ކ. މާފުށި، ބ. އޭދަފުށި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.

ދުވަހެއް ދުވަހަކަށް ކޮވިޑްގެ ކޭސްތައް ފެންނަމުން އަންނަ ރަށްތަށް ދަނީ އިތުރުވަމުންނެވެ.