މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދު އިތުރަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއަށް ޖާގަ ހޯދުމުގެ ގޮތުން، އެ ސަރަހައްދުގައި ހިންގަމުންދާ ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިޔަފާރިވެރިންނަށް އަންގައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި އެތަނުގައި ޖުމްލަ 26 ފުޑްކޯޓް ހުރެ އެވެ.

އެސްޓީއޯއިން އެ ފުޑްކޯޓުތައް ހިންގާ ފަރާތްތަކަށް ފޮނުވި ރަސްމީ ނޯޓިހުގައި ބުނެފައި ވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ތަންތަން އެއްކޮށް ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޔުނިޓުތައް ހަވާލުކުރުމާއެކު، 15 އޮކްޓޫބަރު 2022 ގައި ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން އުވި، ބާތިލުވާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެފައި ވެ އެވެ.

މީގެ އިތުރުން، އެ ފަރާތްތަކުން ކުއްޔާއި މަރާމާތު ފީގެ ގޮތުގައި ދައްކަންޖެހި ނުދެއްކި ހުރި އެއްވެސް ފައިސާއެއް ވާނަމަ، އެ ފައިސާގެ ތަފުސީލުތަކާއި ފައިސާ ދައްކައި ހަލާސްކުރަން ޖެހޭ ތާވަލު، މި ދެވުނު 90 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން އެ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

މިފަދަ ބޮޑު ނިންމުމެއް ނިންމާފައިވާއިރު، ސަރުކާރުން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.

ހާބަރު ސަރަހައްދުގައި ހިންގަމުން އަންނަ މި ފުޑްކޯޓުތަކަކީ އެސްޓީއޯއިން ގާތްގަނޑަކަށް 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ތަނެކެވެ. މި ތަންތަނުން އާންމުންނަށް ހިދުމަތް ދޭން ފަށާފައި ވަނީ 2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް މި ފުޑްކޯޓުތައް ހުޅުވާފައި ވަނީ އެ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ.