ހުއްދަ ނެތި ރާއްޖެއަށް ބޭސް އެތެރެކޮށްފި ނަމަ، 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭހާ ބެހޭ ގަވައިދު އެކުލަވާލައި އާންމުކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކުރި މި ގަވާއިދަކީ އާންމުން ބޭނުންކުރާ ބޭހަކީ އެއިން ކުރަންޖެހޭ އަސަރު އެންމެ ފުރިހަމައަށް ކުރާ، ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސްކަން ކަށަވަރުކުރުމާއެކު، ނަހަމަ ގޮތުގައި ބޭސް ބޭނުންކުރުން ހުއްޓުވައި ހުއްދަ ނޫން ބޭހުގެ މުއާމަލާތްތައް ހުއްޓުވުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ ދަށުން ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ވިއްކުމާއި، ގުދަންކުރުމުގެ އިތުރުން ބޭސް ނައްތާލުމާ ބެހޭ ހަރުދަނާ މިންގަނޑުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
އާ ގަވާއިދުގައިވާ ގޮތުން، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުން ކުރުމަށް ހުއްދަ ދޭ ބޭހުގެ ލިސްޓެއް 30 ދުވަސް ތެރޭ އެމްއެފްޑީއޭއިން އާންމުކުރަން ޖެހޭނެ އެވެ. އަދި އެ ލިސްޓުގައި ނުހިމެނޭ ޑޮކްޓަރީ ބޭހާއި، އޮލްޓަނޭޓިވް ބޭސް އަދި ދިވެހި ބޭސް އެތެރެކުރުމަކީ މަނާކަމެކެވެ.
މީގެ އިތުރުން ބޭސް އުފައްދާ ފަރާތްތަކުން ފެށިގެން ފާމަސީތަކާ ހަމައަށް އެމްއެފްޑީއޭގައި ރަޖިސްޓްރީވާން ޖެހޭއިރު، ބޭސް އެތެރެކުރެވޭނީ ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެމްއެފްޑީއޭއިން ދަފްތަރުކޮށްފައިވާ އުފެއްދުންތެރިންގެ ބޭސް އެކަނި ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ބޭހުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރިކޯލް ކުރަންޖެހިއްޖެ ނަމަ، އެމްއެފްޑީއޭއަށް އެ އުފެއްދުންތެރިޔާ ބްލެކްލިސްޓު ނުވަތަ ސަސްޕެންޑު ކުރުމުގެ އިހުތިޔާރު ލިބިގެންވެ އެވެ.
ހަމައެއާއެކު މި ގަވައިދުގައި ބޭސްފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީ ފާމަސިސްޓުންގެ ދިވެހިބަސް ދަންނަކަމުގެ ލިޔުން އޮންނަންޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ހުއްދަ ނެތި ބޭސް އެތެރެކޮށްފިނަމަ ގަވާއިދުތައް ވަނީ މިހާރު ހަރުކަށިކޮށްފަ އެވެ. އެގޮތުން ނަސޭހަތް ދިނުމުން ފެށިގެން 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން ނުވަތަ ބާތިލުކުރުން ފަދަ ފިޔަވަޅުތައް އަޅާނެ އެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ އާންމުކުރިތާ 90 ދުވަސް ފަހުންނެވެ.
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި ފެންބޮޑުވެއްޖެ