މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ތާވަލުކުރި އޮސްޓްރޭލިއާގެ މަޝްހޫރު ބޭންޑު "ބިޔޯން އަގެއިން" ގެ ޝޯ، ސަރުކާރުން އެންގުމާ ގުޅިގެން ކެންސަލްކޮށްފި އެވެ. މި ޝޯ ކެންސަލް ކުރުމަށް އެންގި ސީދާ ސަބަބު ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައި ނުވެ އެވެ.
އުބާ އިވެންޓްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައި އޮތް މި ޝޯއަށް ވަނީ ގިނަ އަދަދެއްގެ ޓިކެޓުތައް ވިކި، އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފަ އެވެ. ޝޯގެ ލޮޖިސްޓިކް ކަންކަމަށް އިންތިޒާމު ކުރާ ފަރާތުން ބޮޑު ހަރަދުތަކެއް ކޮށްފައިވާއިރު، ޝޯ ބޭއްވުމަށްޓަކައި ސޯޝަލް ސެންޓަރުގައި ސްޓޭޖު އެޅުމުގެ މަސައްކަތް ވެސް ދިޔައީ ކުރަމުންނެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ޝޯގައި ބައިވެރިވާ ބޭންޑުގެ މެންބަރުން މިރޭ ރާއްޖެ އައުމަށް ހަމަޖެހިފައިވެ އެވެ. އަދި މި ޝޯގެ އޯޕެނިން އެކްޓްތަކުގެ ގޮތުގައި ދިވެހި ބައެއް އާޓިސްޓުންގެ ހުށަހެޅުންތައް ވެސް ހިމެނުމަށް ކުރިން އޮތީ ނިންމައިފަ އެވެ.
މި ޝޯ ކެންސަލްކުރަން އެންގި ސަބަބެއް ސަރުކާރުން ހާމައެއްނުކުރެ އެވެ.
"ބިޔޯން އަގެއިން" އަކީ 1970 ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވި ސްވިޑެންގެ ބޭންޑު "އެބާ" ގެ ލަވަތައް ކަވަރުކުރާ ދުނިޔޭގެ މަޝްހޫރު ޓްރިބިއުޓް ބޭންޑެކެވެ. ފާއިތުވި އަހަރުތަކުގައި އެ ބޭންޑުން ވަނީ ދުނިޔޭގެ 72 ގައުމެއްގައި 5،300 އަށްވުރެ ގިނަ ޝޯ ދީފަ އެވެ.
އެމެރިކާގެ ޖާސޫސީ މަރުކަޒް އަލް ދަފްރާއަށް އީރާނުން ހަމަލާދީފި
