ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޖަންކްޝަންތައް ފުރިގެން ނަޖިސް ބޭރުވަމުންދާތީ، އެކަމުގެ ސަބަބުން ސިއްހީ ބޮޑު ކާރިސާއެއް ދިމާވެދާނެ ކަމުގެ ކަންބޮޑުވުމާއެކު، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތެއް ކަމަށްވާ އަލީ އިބްރާހިމް ފޮނުވި މި ސިޓީގައި ވަނީ އެ ސަރަހައްދުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތު ބަޔާންކޮށްފަ އެވެ.
ރައީސް މުއިއްޒަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ބްލޫހެވަން ރެސިޑަންސް އާއި ރީތިގަސް ރެސިޑެންސް ހިމެނޭ ސަރަހައްދުގެ ޖަންކްޝަންތައް ފުރިގެން މަގުމައްޗަށް ނަޖިސް ބޭރުވަމުންދާ ކަމަވެ. މިކަމުގެ ސަބަބުން އާންމު ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، ހީނުކުރާ ފަދަ ސިއްހީ ކާރިސާއެއް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ފާހަގަކުރި އެވެ. ވަކިން ހާއްސަކޮށް، ރަށުގެ ފެންފަށަލައަށް މިގޮތަށް ރޯ ނަޖިސް ބޭރުވުމަކީ ތިމާވެއްޓަށާއި އާންމުންގެ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއްކަން ފާހަގަކޮށް، އެއީ ރައީސަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އަލީ އިބްރާހިމް ބުނި ގޮތުގައި މި މައްސަލަ ހައްލުކުރުމަށްޓަކައި އެމްޑަބްލިއުއެސްސީގައި ތަކުރާރުކޮށް އެދިފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ދާއިމީ ހައްލެއް ލިބިފައެއް ނުވެ އެވެ. މިކަމަށް ދާއިމީ ހައްލެއް ލިބޭނީ އެ ސަރަހައްދުގެ ޖަންކްޝަންތައް މިހާރުގެ އާބާދީއާ އެކަށީގެންވާ ގޮތަށް އަލުން ރީޑިޒައިން ކޮށްގެން ކަމަށް އޭނާ ދެކެ އެވެ. މުޅި ހިސާބު އެއްކޮށް ރީޑިޒައިންކޮށް، ބަދަލުކުރުން ފަދަ ގިނަ މަސައްކަތްތަކެއް ކޮށްގެން ނޫނީ މި މައްސަލަ އެއްކޮށް ހައްލު ނުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަރަހައްދުގައި އަޅާފައިވާ ނަޖިސް ލައިނަކީ އެތަނަށް ބޭނުންވާ މިންވަރަށްވުރެ ކުޑަ ކެޕޭސިޓީއެއް ހުރި އެއްޗެކެވެ. މީގެ ކުރިން އެ ސަރަހައްދަކީ މިހާ ގިނަ އަދަދެއްގެ އުސް އިމާރާތްތަކާއި ގިނަ ބަޔަކު ދިރިއުޅޭނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފައި ނުވާތީ، އެތަނުގައި އޮތީ ކުރީގެ ޕްލޭނަކަށް ހެދިފައިވާ ކުޑަ ނަޖިސް ލައިނެއް ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
މި މައްސަލަ އިތުރަށް ގޯސްވެދާނެ ކަމުގެ ބިރުވެރިކަން ހާމަކުރަމުން އަލީ އިބްރާހިމް ފާހަގަކުރީ، ނަޖިސް ބޭރުވާ ސަރަހައްދުތަކުގައި މިހާރު ވެސް މުޅިން އަލަށް ހަތަރު އިމާރާތެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ އިމާރާތްތައް ނިމި މީހުން ދިރިއުޅެން ފެށުމުން، މިހާރު ވެސް ނުކަތާވަރުވެފައިވާ ނަރުދަމާގެ ނިޒާމަށް އިތުރު ބާރު ބޮޑުވެ، ދެން ވާނެ ގޮތެއް އަންދާޒާކޮށްލަން ވެސް ދަތިވާނެ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ވިސްނުމެއް މިވަގުތު އެމްޑަބްލިއުއެސްސީގައި ނެތް ކަމަށް ތުހުމަތުކޮށް، ސިޓީގައި ވަނީ ރައީސް މުއިއްޒުގެ އެހީތެރިކަމަށް އެދިފަ އެވެ. ހުޅުމާލޭގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ޖަންކްޝަންތައް ފުރިގެން ނަޖިސް ބޭރުވުމުގެ މައްސަލަ ބޮޑުވެފައިވާއިރު، އެމްޑަބްލިއުއެސްސީން އާންމުކޮށް ކުރާ ކަމަކީ އެ ފަދަ ރިޕޯޓުތައް ލިބުމުން ވަގުތީ ގޮތުން އެ ތަންތަން ސާފުކޮށްދިނުމެވެ. ނަމަވެސް އާބާދީ އިތުރުވަމުންދާ މިންވަރާ އެއްވަރަށް ނަރުދަމާގެ އޮނިގަނޑަށް ބަދަލު ނުގެނެސް، މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް އާންމުން ދަނީ ބުނަމުންނެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމަށް ސައުދާ ވާދަކުރައްވަނީ
ރޮނާލްޑޯ އާއި ޖޯޖީނާ އަންނަ ހަފްތާގައި ކައިވެނި ކުރަނީ
ޖަންގްޝަނުން ނަޖިސް ބޭރުވަނީ، އެމްޑަބްލިޔުއެސްސީގެ ބަހެއް ނެތް
