މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ތިބެންޖެހޭ އަދަދަށް ވުރެ އިތުރަށް 600 މުވައްޒަފުން އެބަތިބި ކަމަށާއި، އޭގެ ސަބަބުން މަހެއްގެ މައްޗަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭކާރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމާ ގުޅޭގޮތުން އޮޑިޓަރު ޖެނެރަލް ތައްޔާރުކުރެއްވި ރިޕޯޓަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާލަތު މިއަދު އޮތް ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް 'ރައިޓް ސައިޒް' ނުވަތަ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ތިރިކުރަން ޖެހިފައިވާ ކަމަށެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެމްޕީއެލްގެ އިސްވެރިންނާ ބައްދަލުކުރެއްވިއިރު، އެ ކުންފުނީގެ އޭރުގެ ސީއީއޯ ވެސް ވަނީ ބޭނުންވާ ވަރަށް ވުރެ 600 މުވައްޒަފުން އިތުރުކަން އިއުތިރާފުވެވަޑައިގެންފަ އެވެ.
"އަޅުގަނޑުމެން މި ދައްކަނީ 600 މުވައްޒަފުންގެ ވާހަކަ. އެވަރެޖުކޮށް ވިއްސަކަށް ހާސް ނުވަތަ ތިރީހަކަށް ހާސް ރުފިޔާގެ މުސާރައަށް ބަލާއިރު، މަހަކު ވިއްސަކަށް މިލިއަން ރުފިޔާ އެބަ ބޭރުވޭ. މީގެ ތެރެއިން ގިނަ މީހުންނަކީ ހަމައެކަނި ކާޑު ޖަހާލާފައި ގެއަށްދާ މީހުން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ބާޒާރުގައި ރުފިޔާ ގިނަވުމުގެ ސަބަބުން ޑޮލަރުގެ އަގު 40 އިންސައްތައަށް ވުރެ ބޮޑަށް އުފުލިފައިވާ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ބަންޑާރަ ބާލީހަށް ކަފަ ލައްވާ ގޮތަށް ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރުމަކީ އިގުތިސާދަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މިސާލެއްގެ ގޮތުން މ. އަތޮޅުގެ ރަށްރަށުގެ އިންޖީނުގެތަކުގެ ހިންގުން ސްޓެލްކޯއާ ހަވާލުކުރި ފަހުން، ކުރިން ތިބި ގިނަ އަދަދެއްގެ މުވައްޒަފުންނާ ނުލައިވެސް އެ ތަންތަން އޮމާންކަމާއެކު ހިންގޭކަން ނާޒިމް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ޒިންމާދާރުވާންޖެހޭ ކަމަށާއި، ސަރުކާރު ކުންފުނިތަކަކީ ފިޓް ކުންފުނިތަކަކަށް ހަދަންޖެހޭ ކަމަށެވެ.
މިއީ ނިމިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނާޒިމް ބަހުސްކުރެއްވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ:އެމްޓީޑީސީ
ޖަލުން ސަންޖޭއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީ!
ޕީއެންސީގެ ލީޑަޝިޕް ހޮވުމުގައި ސިއްރު ވޯޓު ނުބާއްވަން ނިންމައިފި