އަލުން ފިލްމީ ދާއިރާއަށް ނުކުތުމަށް އެއްވެސް ގޮތަކަށް ހިޔާލުނުކުރާ ކަމަށް ކުރީގެ މަޝްހޫރު ބަތަލާ އައިޝަތު ޝިރާނީ ބުނެފި އެވެ.

ޓީވީއެމްއިން ދެއްކި ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އޭނާ ވަނީ ފިލްމީ ދައިރާ އާއި އެނޫން ވެސް ގިނަ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ފިލްމީ ދާއިރާއަށް ވަދެވުނީ ލަވަކިޔުމާއި ނެށުމަށް ހުންނަ ޝައުގެއްގެ ތެރެއިން ކަމަށާއި ފިލްމުތަކުން ފުރުސަތު ލިބެން ފެށީ ޓީވީއެމްއަށް ކުޅެދިން ގިނަ ލަވަތަކެއްގެ ސަބަބުން ކަމަށް ޝިރާނީ ބުންޏެވެ.

ފިލްމީ ދާއިރާއާ ދުރަށް ދާން ގަސްދުކުރީ އަމިއްލަ ދިރިއުޅުމެއް ފެށުމަށް ފަހު ފިލްމީ މަސައްކަތްތަކުގައި ރަށުން ބޭރަށް ދިއުން ދަތިވުމުން ކަމަށް ބުނަމުން އިތުރަށް ޝިރާނީ ބުނީ ނަހުލާގެ ފިލްމު "ކަލާޔާނުލާ" އަށްފަހު ފިލްމީ ދާއިރާއާ ދުރަށް ދިޔަ ގޮތަށް އަދިވެސް ހުރީ ދުރުގައި ކަމަށެވެ.

މިހާރުގެ ދިރިއުޅުމަށް އަލިއަޅުވާލަމުން ޝިރާނީ ބުނީ މިހާރު ކުރަމުން އަންނަނީ ހެދުން ފެހުމުގެ މަސައްކަތް ކަމަށާއި އެއީ ވަރަށް ކުރިން ވެސް ކުރާހިތްވާ ކަމެއް ކަމަށެވެ.

ޝިރާނީއަކީ 1990 އާއި 2000 ގެ ކުރީކޮޅު ދިވެހި ފިލްމީ ދާއިރާއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ. އޭނާގެ ލަވަތައް މިހާރު ވެސް އަހަރުމެންގެ ތެރޭގައި ފަނޑުވުމެއް ނެތި ދައުރު ވަމުންދެ އެވެ.

ޝިރާނީ ފިލްމީ ދާއިރާއިން ފެނުން ދުރުކަމަށް ބުނި ބުނުމަކީ އޭނާގެ ފެނިލުމަކަށް އިންތިޒާރުކޮށްގެން ތިބި ސަޕޯޓަރުންނަށް ލިބުނު ހިތާމަވެރި ހަބަރެކެވެ.