މި ސަރުކާރުގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން ވަކިކުރި މުހައްމަދު ރާގިބް އަހުމަދު ވެސް ހިމެނޭ ގޮތަށް ސިވިލް ކޯޓުގެ ގާޒީ ކަމަށް ތިން ބޭފުޅަކު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

ސިވިލް ކޯޓަށް ތިން ގާޒީއަކު ހޯދުމަށް މިދިޔަ ޖޫން 21 ގައި ޖޭއެސްސީން ހުޅުވާލުމުން 42 މީހަކު ކުރިމަތިލިއިރު، އެ މަގާމުތަކަށް އައްޔަން ކުރާނެ ބޭފުޅުން އެ ކޮމިޝަނުން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެގޮތުން ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ ޕީޕީއެމްގެ ލޯޔަރެއްގެ ގޮތުގައި އުޅުނު މުހައްމަދު ރާގިބް އަހުމަދުގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވި ރ. ހުޅުދުއްފާރު ރޯޒްވިލާ، އާސިޔާ އަޒީމާ އަދި ގއ. ކަނޑުހުޅުދޫ ރީލް މަންޒިލް، މުހައްމަދު ނިޝާތެވެ.

މި ބޭފުޅުންގެ ތެރޭގައި ހިމެނޭ ރާގިބަކީ ގދ. ތިނަދުއަށް ސިޓީގެ ދަރަޖަ ދިނީ އޮޅުވާލައިގެން ކަމަށް ބުނެ ދައުލަތާ ދެކޮޅަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން، 25 ނޮވެމްބަރު 2024 ގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން ވަކިކުރި ބޭފުޅެކެވެ.

ހަމައެއާއެކު ނިޝާތަކީ 2024 ގެ މަޖިލިސް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްފަހު، މިދިޔަ އަހަރު ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ.