ނ. އަތޮޅުގައި ހިންގާ ޝެވާލް ބްލަންކް ރަންދެލި ރިސޯޓުގެ މެނޭޖްމަންޓާ ދެކޮޅަށް ކޮރަޕްޝަނާއި މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުމުގެ ޖިނާއީ ތުހުމަތުތަކެއް އަމާޒުވެއްޖެ އެވެ.
ޔޫއޭއީގެ ޝާހީ އާއިލާގެ މަހުޖަނަކު ހިއްސާވާ ކުންފުންޏަކުން ފްރާންސްގެ އެލްވީއެމްއެޗާ ހަވާލުކޮށްގެން ހިންގާ އެ ރިސޯޓްގެ މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި، ރިސޯޓު މަރާމާތަށް ބަންދުކޮށްފައި އޮތް ދުވަސްވަރު އެތަނަށް އެތެރެކުރި މުދާތަކެއް އެމްޕީއެލްގައި ހިފެހެއްޓުމުން، ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ބޮޑެތި އަދަދުތަކުން ރިޝްވަތު ދީގެން އެ މުދާ ނެރެފައިވެ އެވެ.
މީގެ އިތުރުން، އެ ރިސޯޓުގައި މަސައްކަތްކުރާ 120 އަށް ވުރެ ގިނަ ކެޝުއަލް މުވައްޒަފުންގެ ހައްގުތަކަށް އަރައިގަނެ، އެ މުވައްޒަފުންގެ މުސާރައިން އުނިކޮށްގެން މަހަކު 12,000 ޑޮލަރު މެނޭޖްމަންޓުގެ އިސް ވެރިންގެ މެދުގައި ބަހަމުންދާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން ކޮންމެ މުވައްޒަފެއްގެ ބޮލަކަށް ކަނޑައެޅިފައިވާ އަދަދަށް 100 ޑޮލަރު އިތުރުކުރުމަށްފަހު، އެ ފައިސާ މުވައްޒަފުންނަށް ނުދީ ރިސޯޓުގެ ޖެނެރަލް މެނޭޖަރާއި ފައިނޭންސް ކޮންޓްރޯލަރާއި ހިއުމަން ރިސޯސްގެ އިސްވެރިޔާ ނަގަމުންދާ ކަމަށް މުވައްޒަފުން ބުނެ އެވެ.
މުވައްޒަފުންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ ހިމޭނުން އޮތް ކަމަށް ބުނެ، މުވައްޒަފުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ރަންދެލި ރިސޯޓުގެ އެވްރެޖް ރޫމް ރެޓަކީ ރެއަކަށް 2،500 ޑޮލަރާއި 5،000 ޑޮލަރާ ދެމެދު އެވެ.
ސާޅީސް ފަސް ވިލާއާއެކު 2013 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި އަލްޓްރާ ލަގްޒަރީ ރިސޯޓަކީ ރާއްޖެ އަންނަ މަހުޖަނުންނާއި މަޝްހޫރު މީހުންގެ މެދުގައި ވަރަށް މަގުބޫލް ރިސޯޓެކެވެ. އެ ރިސޯޓުގެ ކޮންމެ ވިލާއަކާއެކު އިންފިނިޓީ ޕޫލެއް ވެސް އޮވެ އެވެ. މީގެ އިތުރުން އެ ރިސޯޓުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކެއުން ލިބޭ ފަސް ރެސްޓޯރަންޓް ވެސް ހުރެ އެވެ.
އެސްއޯއީތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ
