މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ކިއު ލިސްޓު އާންމުނުކުރާތީ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އެ ކޯޕަރޭޝަނުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެދިއްޖެ އެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހައްޖު ކޯޕަރޭޝަނުގެ ވެރިން ހާޒިރުކޮށްދެއްވުމަށެވެ.
މެންބަރުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ހައްޖު ކިއު އާންމުންނަށް ފެންނާނެހެން ހާމަކޮށްފައި ނުވާތީ، ހައްޖު ކޯޓާ ދޫކުރުމުގައި އިންސާފުވެރި އަދި ދެފުށް ފެންނަ އުސޫލެއް ގެންގުޅޭ ކަމާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ޝައްކުތަކާއި ކަންބޮޑުވުންތައް އުފެދިފަ އެވެ.
އެހެންކަމުން، މިހާތަނަށް އައިއިރުވެސް ހައްޖު ކިއު އާންމުކޮށް ބަލައިލެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ނުވާ ސަބަބާއި، އެއްވެސް ނުފޫޒެއް ނެތި އިންސާފުން ކިއު ތަރުތީބުވަމުންދާކަން ކަށަވަރުކުރަން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ވަނީ އެދިފަ އެވެ. މީގެއިތުރުން، ހައްޖަށް ދިއުމަށް ފައިސާދައްކާ މީހުންގެ މައުލޫމާތާއި ކިއު ކުރިއަށްދާ މިންވަރު ވަގުތުން ބަލައިލެވޭނެ ޕޯޓަލެއް ތައާރަފްކުރެވޭނެ ތާރީހަކާއި، ލިބޭ ކޯޓާގެ ތެރެއިން އާންމުންނަށާއި ހާއްސަ ކެޓަގަރީތަކަށް ޖާގަ ކަނޑައަޅާ އުސޫލުތައް ސާފުކޮށްދިނުމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ލިސްޓު އާންމުކުރުމަކީ ކުރައްވާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މީގެ އަހަރެއްހާ ދުވަސްކުރިން މަޖިލީހުގައި ވިދާޅުވެފައިވެއެވެ. މިދިޔަ އަހަރުގެ އޯގަސްޓް 12 ގައި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ކޮރަޕްޝަނާ ދެކޮޅަށް ކަމަށާއި، ހައްޖު ކޯޕަރޭޝަނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ބަދަލުކޮށް ލިސްޓު އާންމުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކޮންމެ އަހަރަކު 1،000 ހައްޖު ކޯޓާ ދޫކުރާއިރު، އުސޫލުތަކާ ހިލާފަށް ކިއު އަށް ބެލުމެއްނެތި މީހުން ހައްޖަށް ގެންދާ ކަމުގެ ޝަކުވާ އަބަދުވެސް އާންމުންގެ ފަރާތުން ފެންމަތިވެއެވެ. ނަމަވެސް، ހައްޖު ކޯޕަރޭޝަނުން މި ތުހުމަތުތައް ދޮގުކުރެއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އާއި ޝަމްއޫންގެ ނަން
ކޮންމެ ފަހަރަކީ ވެސް ތަފާތު ފަހަރެއް: ނިކޯލް
މާލޭގެ ގެއެއްގައި ރޯވެ ގެއްލުންވެއްޖެ