މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރިއަށް އޮތް ރަމަޟާން މަހުގެ އުމްރާ ދަތުރުތަކަށް ފުރުސަތު ހުޅުވާލިއިރު ކުރީ އަހަރާ އަޅާބަލާއިރު ޕެކޭޖުތަކުގެ އަގުތައް ބޮޑުކޮށްފި އެވެ.

އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ އައު އަގުތަކަށް ބަލާއިރު، މުޅި ރަމަޟާން މަހުގެ އުމްރާ ދަތުރުގެ އަގު ވަނީ 55,965 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. މިއީ ނިމުނު ރަމަޟާން މަހުގެ އަގު ކަމުގައިވާ 48,965 ރުފިޔާއާ އަޅާބަލާއިރު 7,000 ރުފިޔާގެ ބޮޑުވުމެކެވެ. އަދި ރޯދަ މަހުގެ ފަހު 15 ގެ އުމްރާ ދަތުރުގެ އަގު 5,000 ރުފިޔާ ބޮޑުވެ، މިހާރު ވަނީ 50,965 ރުފިޔާއަށް އަރާފަ އެވެ.

މީގެ އިތުރުން ރޯދަ މަހުގެ ފަހު ދިހައާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަސް ހިމެނޭ ހާއްސަ އުމްރާ ދަތުރުތަކަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.

އަހަރުގެ އެކި ދުވަސްވަރަށް ބަލާއިރު ޖުލައި، ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހުގެ ދަތުރުތަކަށް 30,965 ރުފިޔާ ކަނޑައަޅާފައި ވާއިރު، ޑިސެމްބަރު މަހުގެ ދަތުރަކަށް ކަނޑައަޅާފައިވަނީ 31,965 ރުފިޔާ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އަގުތައް ބޮޑުކުރަން ޖެހުނީ މައްކާގައި ކުރަންޖެހޭ ހޭދަތަކާއި، ހޮޓާތަކާއި ކާބޯތަކެތީގެ އަގުތައް ކޮންމެ އަހަރަކު ވެސް ބޮޑުވަމުންދާތީ އެވެ. އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގާއި، ފްލައިޓް ޓިކެޓް އަދި ހޮޓާތަކުގެ އަގުތައް އާދަޔާހިލާފަށް ބޮޑުވުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ދިވެހިންނަށް އެކަށީގެންވާ އަގުގައި ހައްޖާއި އުމްރާގެ ހިދުމަތް ދިނުމަށާއި، ސޭވިންގްސް ސްކީމްތަކާއި އަޅުކަމުގެ ތަމްރީނުތައް ދިނުމަށް އުފައްދާފައިވާ މި ކޯޕަރޭޝަނުން އުމްރާ އަގުތައް ބޮޑުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.