ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ޝަރަފުވެރި ރީތީގެ އެއް މުބާރާތް ކަމަށްވާ މިސް ވޯލްޑް މުބާރާތުގެ "ހެޑް ޓު ހެޑް ޗެލެންޖު" ބައިން، އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ގަދަ ފަސް ބައިވެރިންގެ ތެރޭގައި ރާއްޖެ ތަމްސީލުކުރާ މަރިޔަމް އީމާ މުހައްމަދު ހިމެނި، ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

މިސް ވޯލްޑްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގެ ގަދަ ފަހެއްގައި އީމާގެ އިތުރުން ހިމެނެނީ ކުކް އައިލެންޑްސް، ދެކުނު ކޮރެއާ، ފިލިޕީންސް އަދި ވިއެޓްނާމްގެ ބައިވެރިންނެވެ. މިއީ ދުނިޔޭގެ ބޮޑެތި އަދި ވަރުގަދަ ގައުމުތަކާ ވާދަކޮށް، ބައިނަލްއަގުވާމީ މިފަދަ މުހިންމު ޕްލެޓްފޯމެއްގައި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ރީތި ނަމެކެވެ.

https://www.instagram.com/p/DcaygAsJcUE/?utm_source=ig_web_button_share_sheet

މި ޗެލެންޖުގެ ގަދަ ފަހަކުން އީމާއަށް ފުރުސަތު ލިބިގެންދިޔައީ އޭނާ ހުށަހަޅައިދިން މުހިންމު ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އީމާ ވަނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅޭގޮތުންނާއި، ކަނޑުފަޅުގެ ދިރުންތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނެސްދީފަ އެވެ.

މި ޗެލެންޖުގެ އެންމެ ފަހު މަރުހަލާގައި ކުރިމަތިކުރުވާ ސުވާލަށް ދޭ ޖަވާބަކުން، މި އަހަރުގެ މިސް ވޯލްޑް މުބާރާތުގެ ގަދަ 40 ބައިވެރިންގެ ތެރެއިން ސީދާ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު މިހާރު އީމާއަށް ވަނީ ތަނަވަސްވެފަ އެވެ.