ލަންޑަން (16 މެއި)- އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ އިޒުރޭލް އެމްބަސީ ކުރިމަތީގައި އިއްޔެ އެތައް ހާސް ބަޔަކު އިހުތިޖާޖް ކޮށްފި އެވެ.

ފަލަސްތީނު މީހުނާއެކު އެއްބައިވަންތަކަން ހާމަކޮށް ދިނުމުގެ ބޭނުމުގައި އެއްވި ގިނަ އަދަދެއްގެ ބަޔަކު ވަނީ ސެންޓްރަލް ލަންޑަންގެ މަގުތައްމަތީ ހިނގުމަށްފަހު ހައިޑް ޕާކްގެ ތެރެއިން ގޮސް އިޒުރޭލުގެ އެމްބަސީގެ ގޭޓް ކައިރިއަށް އެއްވެ އަޑު އުފުލައިފަ އެވެ.

ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރަމީ ކޯބިންއާއި އެނޫން ވެސް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި މި އެއްވުމުގައި ބައިވެރިން ވަނީ އިޒްރޭލުން ހިންގަމުން ގެންދާ އުދުވާނު ހުއްޓުވުމަށް މަސައްކަތް ކުރުމަށް އިނގިރޭސި ސަރުކާރަށް ގޮވައިލާފަ އެވެ.

"މަޔަކަށް ނުވަތަ ބަފަޔަކަށް ވާހާލު ތިމާގެ ކުރިމަތީގައި ގޮއްވާލެވޭ އިމާރާތެއްގެ ތެރޭގައި ތިމާގެ އާއިލާ ވާކަން އެނގި، އެކަމަށް ކުރެވޭނެ ކަމެއް ނެތުމުން ކުރާނެ އިހުސާސް ހިތަށް ގެންނަވާ،" ފަލަސްތީނުގެ ރައްޔިތުންގެ ހާލު ތަސައްވަރު ކޮށްދެއްވަމުން އެއްވެފައިވާ މީހުންނާ މުޚާތަބު ކުރައްވައި ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވި އެވެ.

ދުނިޔޭގެ އެތަން މިތަނުން މިގޮތަށް ގޮވާލެވޭ ގޮވާލުންތަކުގެ ޒަރީއާއިން ފަލަސްތީނުގައި އަނިޔާ ލިބެމުންދާ މީސްތަކުންނާއެކު ބަޔަކު ވާކަން އެނގުމަކީ ވެސް އެ މީހުނަށް ލިބޭނެ ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވަމުން ކޯބިން ގޮވާލެއްވީ ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ތިބުމަށް ނިމުމެއް ގެނައުމަށާއި ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުން ހުއްޓާލުމަށާއި ވަޒަންވެރިވެފައި ތިބި މީހުން ބޭލުމަށާއި ގާޒާ ހިސާރު ކޮށްފައިވާ ހިސާރު ކުރުން ވަގުތުން ހުއްޓާލުމަށެވެ.

ކޯބިންގެ އިތުރުން ކުރީގެ ޝެޑޯ ހޯމް ސެކްރެޓެރީ ޑަޔަން އެބޮޓް އާއި ލަންޑަނުގައި ހުންނަ ފަލަސްތީނުގެ އެމްބެސެޑަރު ވެސް މި އެއްވުމުގައި ވާހަކަ ދެއްކެވި އެވެ.