ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލިޔުމުން ލިބޭ ހުއްދައަކާއެކު މެނުވީ ކައުންސިލްތަކަށް އެއްވެސް މުވައްޒަފަކު ނުނެގުމަށް އެ އޮތޯރިޓީން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އަންގައިފި އެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކުރައްވާފައި ވަނީ، މިއީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އަމިއްލަ އާމްދަނީން ހަރަދުވާ ގޮތަށް، ކައުންސިލްތަކުން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކަށް މީހުން ނެގުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ވަގުތީ ބޭނުންތަކަށާއި މަޝްރޫއުތަކަށް ބޭނުންވެގެން ނަގާ ކޮންޓްރެކްޓް، ވޭޖް، އަދި ކޮންސަލްޓަންސީ ފަދަ އުޖޫރަ ދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާން ކުރަންވާނީ ވެސް އެ އޮތޯރިޓީގެ ލިޔުމުން ހުއްދަ ހޯދުމަށްފަހުގައި ކަމަށް ވަނީ ބުނެފަ އެވެ.

ލާމަރުކަޒީ ނިޒާމުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން އަންނަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލައި އެލްޖީއޭގެ ދަށުން ކޮންމެ އަތޮޅަކަށް ހާއްސަ އޮފީހެއް އުފައްދާފައިވާއިރު، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.