ނިމިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެކަނި ވެސް އެކި ބާވަތުގެ ސްކޭމްތަކުގައި 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފި އެވެ.

ދިވެހި ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމުނު މަހު ސްކޭމްގެ ޖުމްލަ 184 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި މި މައްސަލަތަކުގައި ޖުމްލަ 1،962،260 (އެއް މިލިއަން ނުވަ ލައްކަ ފަސްދޮޅަސް ދެހާސް ދުއިސައްތަ ފަސްދޮޅަސް) ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި މިފަދަ ކަންކަން ހިންގުމަށް ސްކޭމަރުން މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ އޮންލައިން މެސެޖިން އެޕްލިކޭޝަންތަކާއި، އައިބޭ، ފޯނު ކޯލްތައް، ސައްހަ ނޫން ލިންކުތައް އަދި ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތަކެވެ.

ފުލުހުން އާންމުކުރި ސްކޭމް މައްސަލަތަކުގެ ތަފާސް ހިސާބު

އޮގަސްޓު މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މުއާމަލާތްތަކާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 79 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ. އެއީ 43 މައްސަލަ އެވެ.

މީގެ އިތުރުން، ބުކިން ކެންސަލޭޝަނާއި ރިފަންޑާ ގުޅޭ 20 މައްސަލައަކާއި، އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން މުއާމަލާތް ކުރުމާއި ހުއްދަނެތި އެކައުންޓުން ފައިސާ ނެގުމުގެ 12 މައްސަލައެއްގެ އިތުރުން، އެހެނިހެން ބާވަތްތަކުގެ 18 ސްކޭމް މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.

އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ އަތުލާފައި ވީނަމަވެސް، ކަމާބެހޭ މުއައްސަސާތަކާއި ބޭންކުތަކާ ގުޅިގެން ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 1،129،106 (އެއް މިލިއަން އެއް ލައްކަ ނަވާވީސް ހާސް ސަތޭކަ ހަ) ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި، ނުދަންނަ މީހުންނަށް ފައިސާ ނުފޮނުވުމަށާއި، ބޭރު ފައިސާ މާރުކުރުމުގައި ލައިސެންސް އޮންނަ ފަރާތްތައް މެދުވެރިކޮށް އެކަން ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އިންޓަނެޓް ބޭންކިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އައިޑީ އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް ފުލުހުން ވަނީ އާންމުންނަށް ހަނދާންކޮށްދީފަ އެވެ.