ދިވެހި ދައުލަތަށް 41 އަހަރަށް ވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 34 އަހަރު ހޭދަކުރެއްވި މ. އެކޯ، އަބްދުﷲ ޝަރީފު އިއްޔެ އަވަހާރަވެއްޖެ އެވެ.

ޝަރީފް 77، އަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވައި، ގައުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ ކޮށްދެއްވި މި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު އޭނާއަށް ވަނީ އަރުވާފަ އެވެ.

ޝަރީފު އަވަހާރަވުމާ ގުޅިގެން ރައީސް. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މަރުހޫމް ޝަރީފަކީ ވަރަށް ހިންގުންތެރި، މަސައްކަތުގެ އަހުލާގު ރަނގަޅު އަދި ނުހަނު އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދައުލަތަށް ޚިދުމަތް ކުރެއްވި ނަމޫނާ ޝަހްސިއްޔަތެކެވެ.

ރައީސްގެ މެސެޖުގައި ވަނީ މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި މަރުހޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ދަންނަވާފަ އެވެ.