ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖައަކަށް ކަށަވަރުކުރުމުގެ މަޤްޞަދުގައި އެކުލަވާލެވުނު މުޅިން އާ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" ރައީސް މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވައި، އަމަލުކުރަން ފައްޓާފަ އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ކޮމިޓީ މަރުހަލާގައި މުހިންމު އިސްލާހުތަކަކާއެކު ފާސްކުރި މި ޤާނޫނު ތަންފީޒުވާން ފެށުމާއެކު، 2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ޤާނޫނު ވަނީ އުވިގެން ގޮސްފަ އެވެ. މި އާ ޤާނޫނާއެކު ޓްރެފިކް ނިޒާމަށް ބޮޑެތި އިސްލާހީ ބަދަލުތަކަކާއި، ހަރުކަށި ފިޔަވަޅުތަކެއް އަދި ބޮޑެތި ޖޫރިމަނާތަކެއް ވަނީ ތައާރަފުވެގެން ގޮސްފަ އެވެ.

ނުރައްކާތެރިކޮށް ދުއްވުމާއި ފަރުވާކުޑަކުރުމުގެ އަދަބުތައް

މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި އާ ޤާނޫނުގައި ވަނީ ވަރަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިވާ ގޮތަށް އުޅަނދު ދުއްވައިފިނަމަ 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި މިފަދަ އަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ، ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޑްރައިވިންގް ލައިސަންސް ބާތިލުކުރެވޭނެ އެވެ.

މީގެއިތުރުން، ކުޑަކުދިންނަށާއި ލައިސަންސް ނެތް ފަރާތްތަކަށް އުޅަނދު ދުއްވަން ދޭ ފަރާތްތައް 25،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ހަމައެއާއެކު، ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ދުއްވާ އުޅަނދު ދުއްވާ މީހުން 10،000 ރުފިޔާއިން އަދި އުޅަނދުގެ ވެރިފަރާތް 1،000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. ލައިސަންސް ނެތި ދުއްވުމާއި، ބާރަށް ދުއްވުމާއި، ޓްރެފިކް ނިޝާންތަކަށް ނުކިޔަމަންތެރިވުން ފަދަ ކަންކަން ތަކުރާރުވާ މިންވަރަކަށް ޖޫރިމަނާ ދެގުނައަށް އިތުރުވެ، އުޅަނދު 30 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ އެވެ. އަދި ޤަވާއިދާ ހިލާފަށް ޕާކުކުރުމުގެ ޖޫރިމަނާ 5،000 ރުފިޔާއަށްވުރެ ބޮޑުވެއްޖެނަމަ، އެ އުޅަނދެއް ބޫޓުކުރެވޭނެ ކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އާންމު ޓްރެފިކް އުސޫލުތަކާއި މަގު ހުރަސްކުރުމުގެ ޤަވާއިދު

އާ ޤާނޫނުން އަލަށް ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، ހިނގާބިނގާވެ އުޅޭ ފަރާތްތަކުން މަގު ހުރަސްކުރުމުގައި ޤަވާއިދާ ހިލާފުވެއްޖެނަމަ 100 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ކަނޑައެޅުމެވެ. މިކަމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ހާއްސަ ޤަވާއިދު، މި ޤާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލަންޖެހެ އެވެ.

މީގެއިތުރުން ވެސް ގިނަ ޖޫރިމަނާތަކެއް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން:

  • ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޕާކިން ޒޯނުތަކުގައި އެ ނޫން ފަރާތްތަކުން ޕާކުކޮށްފިނަމަ 2،004 ރުފިޔާއިން ޖޫރިމަނާކޮށް، ޑީމެރިޓް ޕޮއިންޓް އުނިކުރުން.
  • ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ސައިކަލާއި އެހެނިހެން އުޅަނދުތަކުގައި މީހުން އުފުލައިފިނަމަ ކުރާ ޖޫރިމަނާ 750 ރުފިޔާއަށް ބޮޑުކުރުން.
  • ސައިކަލު ދުއްވާ މީހާއާއި ފަހަތުގައި އިންނަ މީހާ އަދި އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުން ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ 750 ރުފިޔާއާއި 1،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • ބަހާއި ޓެކްސީ ފަދަ އާންމު ހިދުމަތްދޭ ފަރާތްތަކުން ޤާނޫނާ ހިލާފުވެއްޖެނަމަ، ދުއްވި މީހާގެ އިތުރުން ހިދުމަތްދޭ ކުންފުނި 15،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • ވަކި އަދަބެއް ކަނޑައެޅިފައި ނުވާ ކަންކަމުގައި ޤަވާއިދާ ހިލާފުވާނަމަ 500 ރުފިޔާއާއި 1،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމުގެ ފިޔަވަޅުތައް

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ޤާނޫނުގައި ބާބެއް ވަނީ ހިމަނާފަ އެވެ. މި ބާބުގެ ދަށުން 'ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް' އުފައްދައި، މާލެ ސަރަހައްދުގައި ރަޖިސްޓްރީކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމުގެ ބާރު އެ އޮފީހަށް ވަނީ ދީފަ އެވެ. އަދި ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކޮށް، ފުލުހުންގެ ބެލުމުގެ ދަށުން ހިންގުމާއި، 'ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް' ގެ ނަމުގައި ހާއްސަ ފަންޑެއް އުފެއްދުން ވެސް ހިމެނެ އެވެ.

މީގެއިތުރުން، އެއް ފަރާތެއްގެ ނަމުގައި އެއް ބާވަތެއްގެ ދެ އުޅަނދަށްވުރެ އިތުރަށް ރަޖިސްޓްރީކުރާނަމަ، އިންޖީނުގެ ކެޕޭސިޓީއަށް ބަލައި 'މަލްޓިޕަލް އޯނަޝިޕް ފީ' އެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ސައިކަލު ފަދަ އުޅަނދުތަކުން 360 ރުފިޔާއާއި 17،280 ރުފިޔާއާ ދެމެދު، ކާރު ފަދަ އުޅަނދުތަކުން 4،320 ރުފިޔާއާއި 22،680 ރުފިޔާއާ ދެމެދު، އަދި ބަރު އުޅަނދުތަކުން 3،600 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ އަހަރީ ފީއެއް ނަގާނެ އެވެ.

އުޅަނދުގެ އުމުރު ކަނޑައެޅުމާއި ފީތައް ބޮޑުކުރުން

އާ ޤާނޫނުގެ ދަށުން، ތާރީހީ ގޮތުން ހާއްސަ މުހިންމުކަމެއް ދެވިފައިވާ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުންކުރެވޭނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަވެގެން 20 އަހަރުގެ މުއްދަތަށެވެ. 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުވާނެ އެވެ.

ހަމައެއާއެކު، އިންޖީނުގެ ކެޕޭސިޓީ ބޮޑެތި އުޅަނދުތަކުގެ އަހަރީ ފީ ވަނީ ބޮޑުކޮށްފަ އެވެ. އަދި އުޅަނދުގައި އަމިއްލަ ނަންބަރު ޖެހުމަށް ބޭނުންވާ ފަރާތްތަކަށް ހަތަރު ފުރޮޅުލީ އުޅަނދަކަށް 350،000 ރުފިޔާއާއި 800،000 ރުފިޔާއާ ދެމެދުގެ ފީއެއް، އަދި އެހެނިހެން އުޅަނދުތަކަށް 200،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަގެއް ވަނީ ކަނޑައަޅާފަ އެވެ.

އިންޝުއަރެންސް ލާޒިމުކުރުމާއި ލައިސަންސް ޑީމެރިޓް ސިސްޓަމް

މި ޤާނޫނުގެ ދަށުން ހުރިހާ އެއްގަމު އުޅަނދެއް އިންޝުއާކުރުން ވަނީ ލާޒިމުކޮށްފަ އެވެ. އިންޝުއާ ނުކޮށް ދުއްވާ ފަރާތްތައް 1،000 ރުފިޔާއާއި 3،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

މީގެއިތުރުން، ފުލުހުން ބަލަހައްޓާ ޑީމެރިޓް ޕޮއިންޓް ސިސްޓަމް، ޤާނޫނަށް އަމަލުކުރަން ފަށާތާ 2 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކުރަން ފަށަންޖެހެ އެވެ. މި ނިޒާމުގެ ދަށުން ޤަވާއިދާ ހިލާފުވާ ޑްރައިވަރުންގެ ލައިސަންސުން ޕޮއިންޓް ކެނޑެމުންދާނެ އެވެ. އަދި ވަކި މިންވަރަކަށް ޑީމެރިޓް ޕޮއިންޓް ލިބިއްޖެނަމަ، ޓްރާންސްޕޯޓް މިނިސްޓްރީން ހިންގާ 'ޑްރައިވާ އެޑިއުކޭޝަން ޕްރޮގްރާމް' ފުރިހަމަކޮށް އެއިން ފާސްވަންދެން ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު ލިބިގެންވެ އެވެ.

އެހެންނަމަވެސް، ޑީމެރިޓް ޕޮއިންޓެއް ރެކޯޑްވާތާ 2 އަހަރު ދުވަހުގެ ތެރޭގައި އިތުރު ކުށެއް ނުކުރާނަމަ، ނުވަތަ އެޑިއުކޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފިނަމަ، އެ ޕޮއިންޓްތައް އުނިވެގެންދާނެ އެވެ.

ދިވެހި ލައިސަންސް އޮންނަ ފަރާތްތަކަށް އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް ހޯދައިގެން ބޭރު ޤައުމުތަކުގައި އުޅަނދު ދުއްވުމުގެ ހައްގު ވެސް މި ޤާނޫނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ޤައުމީ ފެންވަރުގައި މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ 5 މެންބަރުންގެ 'ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް' އާއި 'ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީ' އެކުލަވާލުން ވެސް މި ޤާނޫނުން ވަނީ ލާޒިމުކޮށްފަ އެވެ.