އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
މި މަގާމަށް އޭނާ އައްޔަނުކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމާ ގުޅިގެންނެވެ. އޭނާ މި މަގާމަށް އައްޔަނުކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު ހަމަވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާ އިންޓަވިއު ކުރުމަށްފަހު، އޭނާއަށް 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާތީ ރުހުން ދޭން ފެންނަކަމަށް ވަނީ ނިންމާފަ އެވެ. އެއަށްފަހު މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އޭނާ އައްޔަނުކުރުމަށް ވަނީ ރުހުންދީފަ އެވެ.
މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ބޭފުޅުން ކުރިމަތިލެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ ހަމައެކަނި އޭނާގެ ނަންފުޅެވެ. ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގުސަދު ހާސިލުކުރައްވާނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށާއި، ރައްޔިތުން ހުށަހަޅާ ކަންކަމުގައި މައުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަކީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށްވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ކުރެއްވި އޭނާއަކީ ތައުލީމީ ދާއިރާއަށް 22 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކުރެއްވި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2020 ވަނަ އަހަރު އޭނާއަށް ވަނީ ގައުމީ އިނާމުވެސް ލިބިވަޑައިގެންފަ އެވެ.
އެންޑީއެމްއޭއަށް 13،000 އަކަފޫޓުގެ ބޮޑު ބިމެއް
މިސް ވޯލްޑް 2026 ގެ ތާޖު ޑޮމިނިކަން ރިޕަބްލިކްގެ ޖޮހެއިރީ
ޕީއެންއެފްގެ "ފެހި ސިގްނަލް" ޖަލްސާ ސެޕްޓެމްބަރު 10ގައި
