ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާ ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް އާންމުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ، މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން މީހުންނަށް އޮޅުވާލަމުންކަން ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ. އެގޮތުން Hulhumale Daily Rent Apartment (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 (960+) ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ ބޭންކް އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ އެއްވެސް ބައިވެރިވުމެއް ނެތިވެސް މި އަމަލުތައް ހިންގާކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ.

މަކަރާއި ހީލަތް ހަދާ ގޮތް (މޯޑަސް އޮޕަރަންޑީ)

ފުލުހުން ބުނީ މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން މީހުންގެ ޝައުގުވެރިކަން ހޯދުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ފޮޓޯއާއި ވީޑިއޯ ވަގަށް ނަގައިގެން ބޭނުންކުރާ ކަމަށެވެ. އަދި ނުއަގުގައި ނުވަތަ ވަރަށް ހެޔޮ އަގުތަކުގައި ތަންތަން ކުއްޔަށްދޭކަމަށް ބުނެ އިޝްތިހާރު ކުރެ އެވެ. މެސެޖިން އެޕްތައް މެދުވެރިކޮށް މީހުން މުއާމަލާތް ކުރަން ފެށުމުން، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުންވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި، ބުކިންގް ކަށަވަރުކުރުމަށްޓަކައި 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް ޑިމާންޑް ކުރެ އެވެ.

މީގެއިތުރުން، އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑުތަކާއި ސައްހަނޫން ލިޔެކިޔުންތައް ފޮނުވާ ކަމަށާއި، ފައިސާ ޓްރާންސްފާ ކުރި ސްލިޕް ފޮނުވުމާއެކު އެ ފަރާތްތަކާ ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާވެސް އަނބުރާ ނުދޭކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފުލުހުން ވަނީ މުހިންމު އިރުޝާދުތަކެއް ދެއްވާފަ އެވެ. އޭގެ ތެރޭގައި:

އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިންގް ފީއެއް ޓްރާންސްފާ ނުކުރުން.

ކުއްޔަށް ހިފުމުގެ އެއްބަސްވުންތައް ހެދުމުގެ ކުރިން، ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ތަން ކުއްޔަށްދިނުމުގެ ރަސްމީ ހުއްދަ އޮތްކަން ޔަގީންކުރުން.

ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަހަށް އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމަށް އަވަސްއަރުވާލާ ހާލަތްތަކުގައި ފައިސާ ނުދެއްކުން.

ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިންގް އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުން ހިމެނެ އެވެ.

ފުލުހުން ވަނީ މިފަދަ އޮޅުވާލުމެއްގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 (960+) އަށް ފައިސާ ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް އެދިވަޑައިގެންފަ އެވެ.