ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ހުޅުމާލޭން އެޕާޓްމެންޓް ކުއްޔަށް ދޭ ކަމަށް ބުނެ އޮޅުވާލުމަށް ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުން އަންނަކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެގޮތުން "ހުޅުމާލޭ ޑެއިލީ ރެންޓް އެޕާޓްމަންޓް" ފަދަ ޓިކްޓޮކް އެކައުންޓުތަކާއި ވަކި ފޯނު ނަންބަރުތަކެއް ބޭނުންކޮށްގެން ވެސް އެފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އެފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް އެފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.

މީހުން ޝައުގުވެރިކުރުވުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ވީޑިއޯއާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުމާއި، އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭކަމަށް ބުނެ އިޝްތިހާރުކުރާ ކަމަށް ފުލުހުން ބުންޏެވެ. މެސެޖިން ޕްލެޓްފޯމްތަކުން މުއާމަލާތްކުރަން ފެށުމުން، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުން ވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި، ބުކިން ކަށަވަރުކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރެ އެވެ.

އެފަދަ މީހުން ވަކި ބޭންކް އެކައުންޓްތަކަކަށް 10،000 އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް ބުނާ ކަމަށް ފުލުހުން ބުންޏެވެ. ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް، އިތުބާރު ހޯދުމުގެ ގޮތުން ފޮނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފައިސާ ޓްރާންސްފާ ކުރި ސްލިޕް ފޮނުވުމާއެކު، އެ ފަރާތްތަކާ ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދޭ ކަމަށް ފުލުހުން ބުންޏެވެ.

އެފަދަ ސްކޭމްތަކުގައި ނުޖެހި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެޕާޓްމަންޓަށް އަމިއްލައަށް ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިން ފީ އެއް ޓްރާންސްފާ ނުކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

ކުއްޔަށް ހިފުމުގެ އެއްބަސްވުންތައް ހެދުމުގެ ކުރިން، ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ތަން ކުއްޔަށްދިނުމުގެ ރަސްމީ ހުއްދަ އޮތްކަން ޔަގީންކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފަ އެވެ. އަދި ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަހަށް އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމަށް މަޖުބޫރުކުރާ ހާލަތްތަކުގައި ފައިސާ ނުދެއްކުމަށް ވެސް ފުލުހުން އެދެ އެވެ.

އޮންލައިން މުއާމަލާތްތަކަށް ސަމާލުވެ، ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.

އޮޅުވާލުންތަކުގެ ޝިކާރައަކަށްވެފައިވާ މީހުންގެ އިތުރުން، އެފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިނަށް ގުޅައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.