ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑު ކުންފުނި އެޕަލްއިން، 2017 ވަނަ އަހަރަށް ފަހު އައިފޯނަށް ގެނައި އެންމެ ބޮޑު އިންގިލާބީ ބަދަލާ އެކު، އެ ކުންފުނީގެ އެންމެ ފުރަތަމަ ފަތްޖެހި ސްމާޓްފޯނު "އައިފޯން ޑުއޯ" ރޭ ރަސްމީކޮށް ދައްކާލައިފި އެވެ.
ސެމްސަންގާއި ހުއާވޭ ފަދަ ކުންފުނިތަކުން މިހާރު ކޮންޓްރޯލް ކުރަމުންދާ ފޯލްޑަބަލް ފޯނު މާކެޓަށް އެޕަލްއިން ނެރުނު މި ފޯނުގެ އަގަކީ 1,999 ޑޮލަރެވެ.
ޕާސްޕޯޓެއްގެ ބޮޑުމިން ހުންނަ މި ފޯނު ހުޅުވާލުމުން 7.6 އިންޗީގެ ބޮޑު ޑިސްޕްލޭއެއް ފެންނަން ހުންނައިރު، ފަތްޖަހާފައި ބާއްވާ ވަގުތުތަކުގައި ފަސޭހައިން ބޭނުންކޮށްލުމަށް ބޭރުގައި ކުޑަ ސްކްރީނެއް ވެސް ވަނީ ހިމަނާފަ އެވެ. އެޕަލްއިން ބުނިގޮތުގައި މިއީ ހުޅުވާފައި އޮންނައިރު އެ ކުންފުނިން މިހާތަނަށް އުފެއްދި އެންމެ ތުނި އައިފޯނެވެ. އެހެން ނަމަވެސް، ޗައިނާގެ ވާދަވެރި ބައެއް ފޯނުތަކާ އަޅާބަލާއިރު މިއީ ކޮންމެވެސް ވަރަކަށް ބޯ ޑިވައިސްއެކެވެ.
ޓިމް ކުކްގެ ބަދަލުގައި އެޕަލްގެ އާ ޗީފް އެގްޒެކެޓިވްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ފުރަތަމަ ފަހަރަށް ބޮޑު އުފެއްދުމެއް ތައާރަފުކުރައްވަމުން ޖޯން ޓާނަސް ވިދާޅުވީ، މިހާރު ބާޒާރުގައި ހުރި ފަތްޖެހި ފޯނުތަކުގައި ހުރި ގިނަ އުނިކަންކަމަށް މި ފޯނުން ހައްލު ހޯދައިދީފައިވާނެ ކަމަށެވެ. މީގެ އިތުރުން ޕާސްޕޯޓެއްގެ ސައިޒަށް ފަރުމާކޮށްފައި ވުމުން، އެއް އަތުން ފަސޭހަކަމާ އެކު މި ފޯނު ބޭނުންކޮށްލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސައްކަތުގެ މާހައުލަށާއި މުނިފޫހިފިލުވުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ފޯނުގައި އެޕަލްގެ އެންމެ ފަހުގެ އޭ20 ޕްރޯ ޕްރޮސެސަރާއި އާ ސީ2 މޮޑެމް ވަނީ ހިމަނާފަ އެވެ. އަދި ޒޫމް އާއި ސްލެކް ފަދަ މަސައްކަތުގެ އެޕްލިކޭޝަންތައް އެއްފަހަރާ ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ އެވެ. ދެ ސްކްރީން އެކުގައި ބޭނުންކުރި ނަމަވެސް 24 ގަޑިއިރަށް ބެޓެރީ ހިފަހައްޓާ މި ފޯނަކީ އެންމެ 20 މިނެޓުގެ ތެރޭގައި 50 އިންސައްތަ ޗާޖުކޮށްލެވޭ ފޯނެއް ކަމަށް އެޕަލްއިން ބުނެ އެވެ.
އަންނަ މަހުގެ 23 ގައި ވިއްކަން ފަށާ އައިފޯން ޑުއޯއަށް ބާޒާރުގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ)ގެ ތަޖުރިބާކާރު ފްރާންސިސްކޯ ޖެރޮނިމޯ ވިދާޅުވި ގޮތުގައި، އަންނަ އަހަރު ނިމޭއިރު މި މާކެޓުގެ 40 އިންސައްތަ ހިއްސާ އެޕަލްއިން ހޯދާނެ ކަމަށް ބެލެވެ އެވެ. އަދި މިއީ ޗައިނާގެ ފޯލްޑަބަލް މާކެޓުގެ 80 އިންސައްތަ ކޮންޓްރޯލްކުރާ ހުއާވޭ ކުންފުންޏަށް ކުރިމަތިވާނެ ވަރުގަދަ ވާދަވެރި ކަމެކެވެ.
ފޯނުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފުޅާކުރަމުން އަންނައިރު ކަސްޓަމަރުންގެ ޕްރައިވެސީ ރައްކާތެރިކުރުމަށް އިސްކަންދޭކަން ފާހަގަކުރައްވައި ޓާނަސް ވިދާޅުވީ، އެޕަލް އިންޓެލިޖެންސްގެ ގިނަ މަސައްކަތްތައް ހިންގާނީ ސީދާ ފޯނުގެ އަމިއްލަ ހާޑްވެއާގެ އެތެރޭގައި ކަމަށެވެ. އަދި އޭއައި ބޭނުންކޮށްގެން ފޮޓޯ އުފައްދައި ބަދަލުކުރުން އިތުރުވެފައިވާތީ، ފޮޓޯތަކުގެ އަސްލުކަން ކަށަވަރުކުރުމަށް "އެޕަލް ރެފަރެންސް އިމޭޖް"ގެ ނަމުގައި އާ ނިޒާމެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. ނަމަވެސް މި ހިދުމަތް ޔޫރަޕިއަން ޔޫނިއަން އާއި ޗައިނާގެ މާކެޓުގައި ފުރަތަމަކޮޅު ނުލިބޭނެ އެވެ.
ރޭގެ ހަފުލާގައި އައިފޯން ޑުއޯގެ އިތުރުން، އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ވެސް ވަނީ ދައްކާލާފަ އެވެ. މި ދެ ފޯނުގެ އަގު ފެށެނީ 1,199 ޑޮލަރާއި 1,299 ޑޮލަރާ ދެމެދުގެ އަގުތަކުގަ އެވެ. މީގެ އިތުރުން އާ އެއާޕޮޑްސް އާއި އެޕަލް ވޮޗު ސީރީޒް 12 ގެ އިތުރުން އެޕަލް ވޮޗު އަލްޓްރާ 4 ވެސް ރޭ ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
އައިފޯން 18 ޕްރޯ ސީރީޒް ބާޒާރަށް: އަގު ފެށެނީ 1199 ޑޮލަރުން
"ހިތް ހަލާކު ވެގެން" ފުރާނައަށް ނުރައްކާ ވެދާނެތަ؟
ދެވަނަ ދަރިފުޅަށް ބަލިވެއިން ދީޕިކާއާއި އާއިލާގެ ލޯބި ފޮޓޯތަކެއް!
